އަމިއްލަ އަތުން ގޯހެއް ހަދަން ބޭނުން ނުވާ ނަމަ އިބޫއަށް ވޯޓުދީގެން ނުވާނެ: މުއިއްޒު

އަމިއްލަ އަތުން ގޯހެއް ހަދަން ބޭނުން ނުވާ ނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ނުދިނުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރ. އިންނަމާދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީގެ މެންބަރުން އިބޫއަށް ވޯޓު ދިނުމުގައި ވިސްނަން ޖެހޭ ކަމަށާއި އަމިއްލަ އަތުން ގޯހެއް ހަދަން ބޭނުންނުވާ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދީގެން ނުވާނެ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކީ އެއްވެސް ބާރެއް ހުރި ބޭފުޅެއް ނޫން ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެހެން ބޭފުޅެއްގެ ބާރާއި ނުފޫޒުގެ ދަށުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ރަށްރަށަށް ވަޑައިގަންނަވާ ރައްޔިތުންނަށް ވައުދު ވަމުންދަނީ ނިމިފައި ހުރި މަޝްރޫއުތައް ކޮށްދޭނެކަމުގެ ވައުދު ކަމަށާއި، މިކަމުން ވެސް އިބޫގެ ފެންވަރު އެނގޭ ކަމަށް ވިދާޅުވެ އިބޫ އަށް މުއިއްޒުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންނެވި އިރު މިގައުމު އޮތީ ހަލާކުވެފައި ކަމަށެވެ. އިސްލާމް ދީން ފުހެލުމަށް ބަޔަކު މީހުން ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ރައީސް ޔާމިންގެ ވިސްނުންފުޅުން ދީން ހިމާޔަތްކޮށް މިގައުމުގެ ރަނގަޅު މިސްރާބަށް އަބުރާލެއްވީ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމެއް އައުމުން ރައްޔިތުންގެ ކަރުގައި ލީ ހިތިރަހަ އަދިވެސް ނުފިލާ ކަމަށާއި، އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ދެކޮޅަށް ވޯޓު ދިނުމަށް މުއިއްޒު ގޮވާލެއްވިއެވެ.
އިބޫއަކީ ބާރެއް ނެތް ބޭފުޅެއް ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ