ރައީސް ޔާމީން ހައްޔަރު ކުރަން ސިފައިންނާއި ފުލުހުންނަށް ގާސިމް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސިފައިންނަށާއި ފުލުހުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހީމް މިގޮތަށް ގޮވާލެއްވީ މިއަދު މެންދުރުފަހު ރާއްޖެޓީވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ގާނޫނުގެ ވެރިކަން މިހާރު ނެތް ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމިފައިވާ ކަމަށެވެ. އަދި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް ލަފާ ދެއްވާފައިވާ ކަމާއި އެކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލު ތާއީދު ކުރެއްވިކަމުގެ އަޑު ފެތުރިފައިވާއިރު ގާސިމް އިބްރާހިމް ވަނީ އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
"ދައުލަތުގެ ޕީޖީ އެ އޮތީ ވިދާޅުވެފަ. އަނެއްކާ ދައުލަތުގެ ބަންޑާރަ ނައިބު އެއަށް ތާއީދު ކުރެއްވި ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ދެން ކޮން ބަޔަކު ބުނަންދެންތޯ އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުން ތި ތިއްބެވީ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ސަލާމަތީ ހިދުމަތްތަކުގެ ހުވާއަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހިމް ވަނީ ސަލާމަތީ ހިދުމަތްތަކުން ކުރަނީ އެކަންތޯ ސުވާލު ކުރައްވާފައެވެ.
"ދިވެހި ދައުލަތާއި، ދިވެހި ރައްޔިތުންގެ އިސްތިގުލާލު ދަމަހައްޓާ އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި ކުރަން ޖެހިއްޖެ އެހީތެރިކަމެއް ވެދިނުމަށް ޓަކައެވެ. އެކަންތޯ ތިބޭފުޅުން ތި ކުރައްވަނީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އެހެން ކަމަށް ވަންޏާ މިހާރު ފުލުހުން ކުރައްވަން ޖެހޭ ކަމަކީ، ފުރަތަމަ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެންގޮސް ބިޑިއަޅާފަ، އޭނާ ގެންގޮސް ކުޑަގޮޅިއަށްލާފަ، އުއްތަމަ ފަނޑިޔާރު އޮތް ގޮޅިއަށްލާފަ، އޭނަގެ ތަހުގީގު ފައްޓަވަންވީ އިނގޭތޯ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ. "އޭނާ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަން އެ އޮތީ އެނގެން. ބޭންކްތަކުގެ ޓްރާންސްސެކްޝަންތަކުން އެހެރީ އެނގެން، އަމިއްލަ އިއުތިރާފުން އެ އޮތީ އެނގެން،" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް، މިއަދަކީ އެންމެ ހިނދުކޮޅެއްވެސް ނަގާ ނުލާ ތިބޭފުޅުން މި ގައުމާއި ދިވެހި ރައްޔިތުންނާއި ދީނާއި ސަލާމަތްކޮށްދެއްވުމަށް އޮތް ވަގުތު. ފިޔަވަޅު އަޅުއްވާ ދެއްވާށޭ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށާއި މީހުން ދައްކާ ބިރަށް ޖެހިލުން ނުވުމަށް ގާސިމް އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ