ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގެ ތާވަލުން ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުރުމަށްފަހު އެ މައްސަލަ ސުޕްރީމް ކޯޓުގެ ތާވަލުން ނަގައިފިއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. ސުޕްރީމް ކޯޓުގެ ތާވަލުން މި މައްސަލަ ނެގިއިރު އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހު 27 ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.
މިދިޔަ މަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން އަމުރުގައިވާ ބައި ބާތިލްކުރުމަށް ބަންޑާރަނައިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ފަހުން ހުށަހަޅާފައެވެ.
އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ބަންޑާރަނައިބު އެދުނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ، ބަންޑާރަނައިބު އެދުނު ފަދައިން، ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް އަންގައި ފެބްރުއަރީ 18 ވަނަ ދުވަހު އަމުރު ނެރެފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ