ސްކޫލް ދަރިވަރުންނާ ހިންގި ދެ މާރާމާރީގައި ގުޅުމެއް ނެތް - ފޮލިސް

ތާޖުއްދީން ސްކޫލްގެ ގްރޭޑް ދިހައެއްގައި ތައުލީމު ހާސިލުކުރަމުންއައި ދަރިވަރަކަށް ސްކޫލްތެރެއިން ހަމަލާދީފައިވަނިކޮށް، ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރަކު ސްކޫލްނިންމާ ގެއަށް ދަނިކޮށް، މަގުމަތިން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ދެ ހާދިސާގައި ގުޅުމެއް ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ހިނގާދިޔަ ދެ ހާދިސާއަކީ އެއްހާދިސާ އަނެއް ހާދިސާއާއި ގުޅުމެއް ނުވާ ދެ ހާދިސާ ކަމަށެވެ. މި ހާދިސާތަކަކީ ބަޔަކު ރާވައިގެން ސްކޫލުން ނިކުންނަ ކުދިންނަށް އަނިޔާކުރުމަށް ހިންގާފައިވާ ހާދިސާތަކެއް ނޫން ކަމަށާއި އެހެންކަމުން ސްކޫލް މާހައުލުގައި ނުރައްކަލެއް ނެތް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
16 ޖަނަވަރީގައި ތާޖުއްދީން ސްކޫލްގައި ހިނގާފައިވާ ހާދިސާއަކީ، ސްކޫލްގެ ދަރިވަރުންތަކެއްގެ މެދުގައި ހިނގާދިޔަ ކަންތައްތަކެއްގެ ތެރެއިން ހިނގާފައިވާ ހަމަނުޖެހުމެއް ކަމަށާއި، މި ހާދިސާއާއި ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. މީގެ ތެރެއިން 14 އަހަރުގެ ކުއްޖާ ބެލެނިވެރިންނާ ހަވާލުކޮށްފައިވާކަމަށާއި 15 އަހަރުގެ ކުއްޖާ ހުރީ 10 ދުވަހުގެ ރިމާންޑެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ޝިފާން ވިދާޅުވިއެވެ.
ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކަށް ވަޅިން ހަމަލާދިން މައްސަލައަކީ ތާޖުއްދީންގައި ހިނގި ހާދިސާއާ ތަފާތު ކަންތައްތަކެއް އެކުލެވޭ ހާދިސާއެއް ކަމަށާއި، މި ދެ މައްސަލައަކީވެސް ފުލުހުންގެ ހުރި އެންމެ ރަނގަޅު ރިސޯސްތަށް ބޭނުންކޮށްގެން ތަހްޤީގް ކުރަމުންދާ ދެ މައްސަލަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސްކޫލްތަކުގެ މާހައުލަކީ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުން ކަންބޮޑުވެ، ހާސްވާ ޒާތުގެ ކަމެއް، ހިނގާދިޔަ އެއްވެސް ހާދިސާއަކުން ފެނިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް ޕޮލިހުން ހަރަކާތްތެރިވަނީ އިތުރު ޒިންމާތަކަކާއި ވެސް އެކުގައި ކަމަށާއި ހިނގާދިޔަ ހާދިސާތަކާއި ގުޅިގެން އިތުރު ފުލުހުން ނެރެފައިވާނެ ކަމަށެވެ. އަބަދު ސްކޫލްތަށް ކައިރީގައި ފުލުހުން ބަހައްޓަން ބޭނުންފުޅު ނުވާ ކަމަށާއި، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި މިފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ ފުރުޞަތު އޮއްތޯ ކުރިއާލާ ބަލަމުން ގެންދާނެ ކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް، ހާއްޞަކޮށް ކޮނެމް ދަރިވަރަކަށްވެސް ސަލާމަތާއި ރައްކާތެރިކަން އަދި މަސަލަސް މާހައުލެއް ޤާއިމުކުރުމުގެ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ފުލުހުން ދިވެހި ރައްޔިތުންނަށް ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ