އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއެކު އިދިކޮޅު ކެންޑިޑޭޓަކަށް ވާދަކުރައްވަނީ އިނގިރޭސިވިލާތުގެ ކޮމޭޑިއަށް މިސްޓަ ބީން ސީރީޒްގެ ތަރި ރޮވާން އެޓްކިންސަން ކަމަށް ނިންމައި މެމްބަރު ނިހާން ކުރިއަށް ގެންދެވި ޕޯލަކީ ރައީސް ޔާމީނަށް ކުރެއްވި ވަރަށް ބޮޑު މަލާމާތެއްކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މިހެންވިދާޅުވީ ހަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާނެކަމަށް ބުނެ ނިހާން ހުކުރު ދުވަހު ފެއްޓެވި ޕޯލް ވީނުވީއެއް ނޭގި ކުއްލިގޮތަކަށް މިއަދު ހުއްޓުމާއެކު އިދިކޮޅުފަރާތްތަކުން އެކަމަށް ހަޖޫ ޖަހަމުން އައި ދަނޑިވަޅުގައި ވާނުވާއިން ކުރި ސުވާލަކާއިގުޅިގެންނެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ މަޝްވަރާ ކޮމިޓީގެ ނައިބު ޗެއާމަންކަން ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއެކު ވާދަކުރައްވާނެ ކެންޑިޑޭޓަކީ ދުނިޔޭގެ މަޝްހޫރު ކޮމޭޑިއަން ކަމަށް ނިންމުމުން އެއީ ރައީސް ޔާމީނަކީ ކޮމޭޑިއަންއެއް ކަމަށް ކަނޑައެޅީކަމަށެވެ.
ރައީސް ޔާމީނަކީ ކޮމޭޑިއަންއެއް ކަމަށް ނިހާންގެ އެޕޯލުން ސިފަކުރެއްވީ, އެ ޕޯލު ހުއްޓާފައިވަނީ ރައީސް ޔާމީނަށް އެއިންވެސް ކުރި ނުލިބިދާނެތީ ކަމަށް ބެލެވޭ" ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް ރައީސް ޔާމީނަށް ގެއްލިފައިވާ އިތުބާރެއް ނިހާނަށް ނުހޯދޭނެ ކަމަށާއި ކަންތައްތައް ކުރެވުނު ގޮތުން ނިހާނަށް ދެން އިތުރު ގޮތްތަކެއްނެތް ކަމަށެވެ.
"އެހުންނެވީ ކަންތައްތައް ކުރެވުނު ގޮތުން ކޭމްޕެއްގައި ބަދެވިފަ, އެ ތަނުން ނިކުމެވެންވެސް އެބޭފުޅާ އަކަށް ނެތް" ރިޔާޒު ވިދާޅުވިއެވެ.
ރައީސް ޔަމީނަކީ ކޮމޭޑިއަން އެއް ދޭހަވާ ގޮތަށް މެމްބަރު ނިހާނު ހުކުރު ދުވަހު ފޭސްބުކުގައި ފެއްޓެވި އެޕޯލްގައި ބުނާގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއެކު އިދިކޮޅު ކެންޑިޑޭޓަކަށް ވާދަކުރައްވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމޭޑިއަށް މިސްޓަ ބީން ސީރީޒްގެ ތަރި ރޮވާން އެޓްކިންސަން އެވެ.
ނަމަވެސް ހަ ދުވަހަށް ކުރިއަށް ގެންދަން ފެށި އެޕޯލް ކުއްލިގޮތަކަށް ހުއްޓާލެއްވި އިރު ހުއްޓާލެއްވީ ކީއްވެގެންކަން ނިހާން ހާމަ ކުރައްވާފައެއް ނުވެއެވެ.
ރައީސް ޔާމީނަށް މަލާމާތް ރައްދުވެގެން ދިޔަ މިޕޯލް ހުއްޓާލެއްވުމުން އިދިކޮޅު އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ބުނަމުންގެންދަނީ ޕޯލް ހުއްޓާލެއްވީ މިސްޓަބީންގެ އަތުން ވެސް ރައީސް ޔާމީން ބަލިވާނެކަން ޔަގީންވުމުންނެވެ.
އިންތިހާބުގައި ވާދަ ކުރާނެ އިދިކޮޅު ކެންޑިޑޭޓަކު އަދި ކަނދައެޅިފައި ނުވާތީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔަމުންނެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން އެގެންދަނީ, އެކަމަށް ކޮމިޓީއެއް އެކުލަވާލާ މަޝްވަރާތައް ކުރަމުންނެވެ. އެފާރާތުން ބުނަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި އެކަތިގަނޑެއްގެ ގޮތުގައިތިބެ ރައީސް ޔާމީން ބަލި ކުރުން އެއީ އެންމެންގެވެސް އަމާޒުކަމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހަބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެއް ކެންޑިޑޭޓަކު ނުނެރެވޭ ނަމަ ކެންޑިޑޭޓަކު ނެރޭނެ ކަމަށް އަދާލަތުންވެސް ވަނީ ބުނެފައެވެ.
ނިހާން ނެންގެވި ޕޯލަކީ ރައީސް ޔާމީނަށް ކުރެއްވި ބޮޑު މަލާމާތެއް: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ