އަބްދުﷲ ރިޔާޒް: ނާޤާބިލްކަން ފޮރުވަން ސަޅިބައިސާ ކަނޑަން ވަރަށް މޮޅު!

ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާ އަބްދުﷲ ރިޔާޒެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރެވެ. ފުލުހުންނަކީ ރައްޔިތުން ބިރު ގަންނަ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވި ބޭފުޅާއެވެ. އާދައިގެ ފުލުހުން ހޯދާ ކާމިޔާބީ ތަކުގެ މެޑަލް ޖައްސަވަން ޓީވީތަކަށް އަރާވަޑައިގެން މޮޅެތި ވާހަކަ ދައްކަވައެވެ.
ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނަވައިގެން އަބްދުﷲ ރިޔާޒަށް ޤައުމު އަމާންކުރުމަށް ކުރެއްވުނު މަސައްކަތްތަކާއި މެދު ރައްޔިތުން ސުވާލު އުފައްދަމުން ގެންދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ރިޔާޒުގެ ކޮމިޝަނަރު ކަމުގައި، ހިނގާދިޔަ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކަށް އެޅުނު ހުރަސްތައް ފުލުހުންގެ މުއައްސަސާއަށް ގިރާ ނުކުރެވުނެވެ. ޝަހީދު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގާއި ބެހޭގޮތުން ވެސް ރިޔާޒު އެތައް ސަޅިބައިސާ އެއް ކެނޑުއްވިއެވެ. އެހެން ނަމަވެސް އެ ތަހުގީގު ވެސް ހިންގެވީ ރިޔާޒު ބޭނުންފުޅުވި ގޮތަށެވެ. ފުލުހުންގެ މުއައްސަސާގައި ތިއްބެވި ޤާބިލް ބޭފުޅުން އެކަހެރި ކޮށްގެންނެވެ.
ދެން އޮތީ މިއަދު ރިޔާޒު އެ ޓީވީއަކަށް އަރާވަޑައިގެން ރައްޔިތުން ގުނބޯ ހައްދަން މަސައްކަތްޕުޅު ކުރައްވާ، ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައެވެ.
ރިޔާޒުގެ ކޮމިޝަނަރު ކަމުގައި އެކަން ހިނގާދިޔަ ގޮތަށް ބަލަމާ ހިނގާށެވެ. ޕޮލިސް ހެޑްކުއާޓަރާއި މާ ދުރުނޫން ހިސާބެއްގައި ހުރި އިމާރާތެއްގއި ރޯކޮށްލިއިރު އެކަން ކުރަން އުޅޭނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުނަސް އެކަމާއި ރިޔާޒު ފިޔަވަޅު ނޭޅުއްވީ ކީއްވެގެން ތޯ މިއަދު ރާއްޖެ ޓީވީން ރިޔާޒު އާއި ސުވާލުކުރަން ޖެހެއެވެ.
ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ރިޔާޒު މަސައްކަތް ކުރެއްވީ، ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް އަމިއްލަފުޅަށް ޕްރޮމޯޓްވެ ވަޑައިގަތުމަށެވެ. ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމްކުރަން ޖެހޭ ވާހަކަ ދައްކަވަން  ފެއްޓެވީ މަޖިލީހަށް ވަޑައިގެންނެވި ހިސާބުންނެވެ.
މިއަދު ރިޔާޒަށް ކޮމިޝަނަރު ކަމުގެ މަސްއޫލިއްޔަތު ވެސް އެނގިލައްވައެވެ. ފުލުހުންނޭ ޤާނޫނޭ ވިދާޅުވާއިރު ރިޔާޒު ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ކުރެއްވި ޣައިރު ޤާނޫނީ އޯޑާރުތަކުގެ ވާހަކަ ވެސް ދައްކަވާށެވެ.
ރިޔާޒުގެ ސިޔާސީ ހަޔާތުގައި ވެސް ފެންނަމުން ދަނީ މުޅިން ވެސް މިފަދަ ކަންކަމެވެ. ހުރިހާ ކަމެއްގައި ވެސް ސަޅިބައިސާ ކަނޑުއްވައި މަޤްބޫލުވާން މަސައްކަތް ކުރެއްވުމެވެ. އެހެން ނަމަވެސް މިފަދައިން ކުރައްވާ ކޮންމެ މަސައްކަތަކާއި އެކު ރިޔާޒުގެ “ސޯޓު ބޭލުން” ނޫން ކަމެއް ނުވެއެވެ.
ރައީސް ޔާމީނު ޖެހިލުންވާން ރިޔާޒަކީ ސިޔާސީ ގޮތުން   އެއްވެސް ބުރަދަނެއް ހުންނެވި ބޭފުޅެއް ނޫނެވެ. ޤާސިމް އިބްރާހިމް ތަބަކަށް ލާފައި ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ދެއްވުމުން އެ މަޤާމުގައި ހުރެ ސަޅިބައިސާ ކަނޑުއްވައިގެން މި ރާއްޖޭގެ ސިޔާސީ އެކްޓިވިސްޓެއްގެ ހިތަށް ވެސް ކަހެރުވަކެކޭ ވެސް ނާރާނެއެވެ.
ރެޑްލީފް ގަލަމުގެ ދޯރި ޖީބުގައި ހަރުކޮށްލައިގެން ސަޅިބައިސާ ކެނޑުމުގައި ރިޔާޒް ހުންނަވަން ވީއެވެ. އެއީ ރިޔާޒުގެ ދާއިރާއެވެ. ފަހަރުގައި އެ ދާއިރާއިން އެވޯޑެއް ވެސް ލިބިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ