ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ވެގެން ގޮސްފައިވަނީ ހިންނަވަރުގެ ރައްޔިތުން ހާލުގައި ޖެއްސުވި ތިން އަހަރަށް- ނާޒިމް

މީގެކުރިން ހިންނަވަރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ވަރަށް ބޮޑު ތާއީދެއް އޮތް ރަށެއްކަމަށާއި، ނަމަވެސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ވެގެން ގޮސްފައިވަނީ ހިންނަވަރުގެ ރައްޔިތުން ހާލުގައި ޖެއްސުވި ތިން އަހަރުގެ ގޮތުގައިކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅު ހިންނަވަރުގެ ފެނުގެ ނިޒާމް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.މިޖަލްސާގައި ވާހަކަދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންނަވަރަށް ބޭނުންވާ އެތައް ކަމެއް ފުރިހަމަކޮށްދެމުންދާއިރު، މުސްތަޤުބަލުގައިވެސް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ޕްލޭން ކުރެވިފައި ވާކަމަށެވެ. އަދި މީހެއްގެ ޢަމަލުތައް ފެށިގެން އަންނަނީ އެމީހާގެ ބަސްމަގުން ކަމަށްވާއިރު، ފިކުރެއްނެތި ޢަމަލެއް އުފަންވެގެން ނާންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ޢަމަލު ކުރަމުންދަނީ ހިންނަވަރުގެ ރައްޔިތުންނަށް ފައިދާހުރި ފިކުރުތަކާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ އިދިކޮޅުގައި ޒިންމާދާރު ސިޔާސީ ޕާޓީއެއް އޮތުމަކީ ޑިމޮކުރަސީގެ އެންމެ މުހިއްމު އަސާސް ކަމަށެވެ. ނަމަވެސް ހިތާމަޔަކީ އިދިކޮޅުގައި އޮށްޓަރުހުރި ސިޔާސީ ޕާޓީއެއް ނެތުން ކަމަށް މިނިސްޓަރ ވިދާލުވިއެވެ.މިނިސްޓަރ ވިދާޅުވީ ހިންނަވަރުގައި މިސަރުކާރުން ރައްކާތެރި ސާފު ބޯފެނުގެ ނިޒާމް ފައްޓަވައިދެއްވި ނަމަވެސް، ހަޤީޤަތުގައި މިފެންނަނީ ދިވެހިރައްޔިތުންނަށް ރައްކާތެރި ނިޒާމް ފޯރުކޮށްދެއްވަމުންދާ މަންޒަރު ކަމަށެވެ. އަދި މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން، ހިންނަވަރަކީ އެމްޑީޕީއަށް ވަރަށް ބޮޑު ތާއީދެއް އޮތްރަށެއް ކަމަށާއި، ނަމަވެސް ހިތާމަޔަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ނިމިދިޔައިރު، އެރަށަށް އެއްވެސް ކަމެއް ކޮށްދީފައިނެތުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުރީގެ ރައީސް ނަޝީދުގެ 3 އަހަރު ދުވަހުގެ ވެރިކަންވެގެން ގޮސްފައިވަނީ ހިންނަވަރުގެ ރައްޔިތުންނަށް މާޔޫސްކަން ގެނުވާ ހާލުގަ ޖެއްސި ވެރިކަމަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.މިނިސްޓަރ ނާޒިމް ވަނީ ސިޔާސީ ފަރާތްތަކުން ސިޔާސީ ވާހަކަތައް ދައްކާ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ޤައުމާއި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގައި މަސްއޫލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ