ގޮންޖެހުންތަކުން އިބުރަތް ހާސިލްކޮށް ޕީޕީއެމުން 2018 އާއި ކުރިމަތިލަނީ ގަދަ އަޒުމެއްގައި

ނިމިގެންމިދާ އަހަރުގައި ލިބުނު ގިނަ ކާމިޔާބީތަކާއި ކުރިމަތިވި ގޮންޖެހުންތަކުން އިބްރަތް ހާސިލުކޮށް އަންނަ އަހަރާއި ކުރިމަތިލަނީ ދިވެހި ގައުމާއި ވަތަން ދިފާއުކުރުމުގެ އަޒުމުގައި ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.
އާ އަހަރު ފެށުމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ، އަހަރެއް ނިމި އާ އަހަރަކާ ބައްދަލުކުރަނީ އުއްމީދުތަކެއް އަދާކުރަމުން ކަމަށާއި އަދި އަންނަ އަހަރާއި ޕީޕީއެމް އިން އިސްތިގުބާލު ކުރަނީ ފާއިތުވެގެން މިދާ އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާ އާއި ހާސިލުވި އިބްރަތްތަކުން ފިލާވަޅު ނަގަމުން ގަދަ ހިތްވަރާއި ފެންވަރާއި އަޒުމުގައި ކަމަށެވެ.
މާތްވެގެންދާ އިސްލާމްދީނާއި، ދިވެހި ގައުމާއި ވަތަން ދިފާއުކުރުމުގެ އަޒުމުގައި ކަމަށްވެސް ޕީޕީއެމުން ހާމަކުރެއެވެ.
އެގޮތުން ދިވެހި އާދަކާދަ ހިމާޔަތްކުރުމަށްޓަކައި، ކުރިމަތިލަނީ ދިވެހި ލޮބުވެރި އަހުންނާއި އުހުތުންގެ ހައްގުތަށް ކަށަވަރުކޮށްދީ ތަހުޒީބާއި ތަމައްދުންގެ ރާސްތާގައި ގައުމާއި ރައްޔިތުންނާއިގެން ކުރި އަރައި ދިޔުމުގެ ޖޯޝުގައި ޡާބިތުވެ ކެރި ތިބެގެން ކަމަށް ބަޔާނުގައި ވެއެވެ.
އަދި އާ އަހަރުގެ ތަހުނިޔާ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ޕީޕީއެމްގެ ހީވާގި މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ރައްދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ