ސަރުކާރު ކުންފުނިތަކުން މިހާރު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އަގާ މެދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފި އެވެ.
މި މަހުން ފެށިގެން 10- 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމުމާއެކު، ބޮޗޭ ވިދާޅުވީ އެކަމާއިމެދު އެއްޗެކޭ ވިދާޅުވާން އިނގޭނީ ބިލް ލިބުނީމައި ކަމަށެވެ. ބޮޗޭ މިހެން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ ވައިބާގައެވެ.
"ރައްޔިތުމީހާ ހިސާބު ޖަހާނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރުގެ އަގާއި މިއަދުގެ އަގާ. އަދި 100 ޕަސެންޓް އަގު ހެޔޮކުރިޔަސް ބިލް ކުޑަ ނުވަންޏާ ހައްލެއް ނޫން. ކާޑު ވެސް ހަމަ ވީ އެހެން ނޫންތޯ؟،" ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީކުވި މެސެޖުގައި ބޮޗޭ ވިދާޅުވެފައިވެ އެވެ.
ވައިބާ ގުރޫޕުގައި ބޮޗޭ މިހެން ވިދާޅުވީ، ކަރަންޓު ބިލްތަކުން 10-15 ޕަސެންޓް އަގު ހެޔޮކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވައިބާ ގުރޫޕުގައި އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ. އަދި މިދިޔަ މަހު ވެސް ކަރަންޓު އަގު، 125 ޕަސެންޓަށް ބޮޑުވެފައިވާ ކަމަށް ބޮޗޭ ވިދާޅުވި އެވެ.
ގިނަ މެމްބަރުންތަކެއް ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައިވާއިރު ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ މާލެ އާއި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ އަގު އެއްވަރު ކޮށްފިނަމަ އިތުރު ލުއިތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
މިފަހަކަށް އައިސް ޕީޕީއެމް ޕީޖީ ވައިބަރ ގުރޫޕްގައި އެކި ކަންކަމާއިމެދު ހިޔާލު ތަފާތުވުންތައް އުފެދި ބަހުސްކުރަމުން ދިއުން މިވަނީ އާއްމު ކަމަކަށް ވެފައެވެ.
ކަރަންޓުގެ އަގާމެދު މެމްބަރު ރިފާއު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ