އިތުރު ފަރުވާއަށް ގާސިމް ރާއްޖެއިން ބޭރަށް ފޮނުވަން އައިޖީއެމްއެޗްއިން ލަފާދީފި

އިތުރު ފަރުވާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރަކު ލަފާދީފިއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ކުރިއަށް ދަނިކޮށް އޭނާ ވަނީ އަނބުރައިގަނެގެން ކޯޓް ތެރެއަށް ވެއްޓިފައެވެ.
ގާސިމް އައިޖީއެމްއެޗްއަށް ފަހުން ގެންދެވުނުއިރު އެ ހޮސްޕިޓަލުގެ ހިތުގެ ޑޮކްޓަރު އަލީ ޝަފީގް ސޮއިކުރައްވާ ގާސިމްގެ ހާލަތާ ގުޅޭގޮތުން ދިން ލިޔުމުގައި ވަނީ ގާސިމްއަށް ފަރުވާދިނުން ލަސްކޮށްފިނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އަދި ގާސިމް މިވަގުތު ދެވޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށެވެ.
އެހެންކަމުން ވީހާވެސް އަވަހަކަށް އޭނާވީ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
މީގެކުރިން ވެސް ހާލުދެރަވުމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ގާސިމްއަށް ފަރުވާދީފައިވެއެވެ.
އަދި ގާސިމްގެ ވަކީލުން ވަނީ ހިތުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ގާސިމް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް މީގެކުރިން ވެސް ވިދާޅުވެފައެވެ.
ނަމަވެސް ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ހިނގަމުން ދާތީ ކޯޓުން ވަނީ ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކޮށްފައެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓު ދިނުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވެފައިވާތީއެވެ.
މި ދައުވާގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާވެސް ގާސިމްގެ މައްޗަށް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ