ގާސިމް މަހުޖަނެއްގެ މުއްސަނދި ދިރިއުޅުމުން ގައިދީއެއްގެ ގޮޅިއަށް!

މިރޭ އެއްބަޔަކު ނިދީގައި ތިއްބާ އިވިގެން މިދިޔަ ޚަބަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ކަމަށް ބުނާ ގާސިމް އިބްރާޙިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވި ޚަބަރެވެ.
މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ގާސިމް އަށް ފަރުވާދެމުން ދިޔަ ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅާ ޝަރީޢަތް ފަށައިގަންނަން ދެން ގާސިމް ހުންނެވީ ހެޔޮ ހާލުކޮޅުގައެވެ. ޝަރީޢަތް ފެށިފަހުން ކުއްލިއަކަށް އާލާސްކަންފުޅު ބޮޑުވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އެންމެ ފަހުން އައިސީޔޫގައި ވެސް ފަރުވާ ދިނެވެ. އައިސީޔޫ އިން ނެރެ އެންމެ ދުވަަހަކު ވެސް ހޮސްޕިޓަލްގައި ނުބާއްވާ ވަގުތުން ގެއަށް ވެސް ދޫކޮށްލިއެވެ. އޭގެ ފަހުން އިދިކޮޅު ފަރާތްތަކުގެ ޖަލްސާ އަކަށް އަރައިވަޑައިގެން "އަދި އަޅުގަނޑު ފިޓެއް ނޫން" ކަމަށް ވިދާޅުވި ނަމަވެސް ގާސިމް ވާހަކަދައްކަވާ ގޮތައް އެރާގުގައި އެރޭ ވެސް ދިގުކޮށް ގާސިމް ވާހަކަދެެއްކެވިއެވެ.
އޭގެ ފަހުން އަނެއްކާވެސް އާލާސްކަންފުޅު ބޮޑުވީއެވެ. އަތުލަފިކޮށްގެން ކޯޓަށް ގެންދާ ހިސާބަށް ކަންތައްތައް ދިޔައެވެ. އަނެއްކާވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. އޭގެ ފަހުން މިއަދު ކޯޓަށް ވަޑައިގެން ކޯޓު ތެރޭގައި ހުންނަވަނިކޮށް ވެއްޓިވަޑައިގެންނެވިއެވެ. މިހާރު ވެސް އޮންނެވީ ހޮސްޕިޓަލްގައެވެ.
މިވަގުތަކީ ގާސިމްގެ ދިރިއުޅުއްވުމުގެ ހަނދާންތައް އާކޮށްލަން ވަރަށް މުނާސަބު ވަގުތެކެވެ. އެހެންކަމުން އެކަމައިގެން ކުރިއަށް ދާނަމެވެ.
ގާސިމް އެޅުއްވި މަސްކޯރި ބާލުއްވައި މަހުޖަނެއްގެތޮފި ތުރުކުރައްވައިގެން ދިވެހިންގެ ހިތްތައް މިލްކުކުރެއްވުމަށް މަސައްކަތް ފެއްޓެވީ އިންސާނިއްޔާތައް ޓަކައި ކަމަށް ވިދާޅުވި ނަމަވެސް ސިޔާސީ މައިދާނަށް ވަދެ ގާސިމް ހަރަކާތްތެރިވާން ފެށިގޮތުން ގާސިމް ފެނުނީ ތަފާތު ސިފައެއްގައެވެ. ތެދުފުޅެކެވެ. ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި މިހެންގޮސް އެތައް ކަމެއްގައި ގާސިމް ފެނިފައިވެއެވެ. އޭރު އެކަންކުރެއްވި އަސްލު މަގުސަދު ސިއްރުކުރެއްވީ ގާސިމްގެ ފެންވަރާއި ފަންވަރު ދިވެހިންގެ ހަނދާނުން ފޮހެލުމުގެ ބޭނުމުގައި ކަން ގާސިމްގެ ހިޔަނީގެ ތެރޭގައި ވަންހަނާވެފައިވާ ހަޤީޤަތްތައް ބަލައިފި ކޮންމެ މީހަކަށް އެނގޭނެއެވެ.
ގާސިމަކީ ރައީސް މައުމޫނުގެ އަނބިކަބަލުންގެ އާއިލީ ގާތް ބޭފުޅެކެވެ. އެހެންކަމުން ރައީސް މައުމޫނުގެ ގަނޑުވަރުން ގާސިމް ފަރިއްކުޅުވައިގެން ނުކުމެ ވަޑައިގެން ނަފުސަށް ވައިޖައްސަވަން އޮންނަވާއިރު ވެރިކަމުގެ އަރާމާއި ލައްޒަތު ހިތްޕުޅަށް އަރާވަޑައިގަންނަވަމުން ދިއުމުގެ ނަތީޖާއަކީ ވެރިކަމަށް ދަހިވެތިވެ ފެންބުވައިގަތުމެވެ.
އެހެންކަމުން މިކަރުހިއްކެވުން ފިއްލުވުމުގެ މަސައްކަތްޕުޅު ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ގާސިމް ވަނީ ފައްޓަވާފައެވެ. ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ތެދުވުމުގެ މުޑުވައް ކުރެއްވި ބޭފުޅަކީ ގާސިމް ކަމުގައި ދެންނެވިދާނެއެވެ. ޔަގީނުންވެސް މުޑުވައް ފެޅުމާހަމައިން ހެއްދުމަށް ދިންކާނާއާއި ޖެހިބޭހާއި ދިންފެނުގެ އިތުރަށް ދެންވެސް ކުރަން ޖެހުނު ކޮންމެ ހަރަދެއް ފަސްޖެހި ވަޑައިގަތުމެއްނެތި ގާސިމް ގެންދެވީ ކުރައްވަމުންނެވެ.
އެކަމަކު ނަފުސުގެ މުއްސަދިކަމަށްވުރެ ދުނިޔަވީއެދުންބޮޑު ގާސިމް ދުއްވަވަމުން ގެންދެވީ ދެބޯގެރިއެވެ. އެއީ ގާސިމްގެ މުއްސަދިކަމަށް ބުރުލެއް އަރާފާނެތީއެވެ. ރައީސް މައުމޫން ސަރުކާރުގެ މާލީވަޒީރުކަމުގެ މަގާމު އަދާކުރައްވަން ފެށުމުންވެސް މައުމޫންގެ ސަރުކާރު ވައްޓަވާލެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކުދިބޮޑު އެންމެހާ ކަންތައްތައް ގާސިމް ގެންދެވީ އަޑިއަޑިން ކުރައްވަމުން އެއީ ސިޔާސީ ހަގީގަތްތައް އެނގޭ ކޮންމެ ބޭފުޅަކަށް އެނގޭ ބޮޑު ސިއްރެކެވެ.
މައުމޫން ސަރުކާރާ ދެކޮޅަށް ގާސިމް ހެއްދި ގަސް އެންމެ ހިތްޕުހަމަޖެހިވަޑައި ގަންނަވާ ރޫފަހެޔޮކޮށް ނޫންނަަވެސް 11ނޮވެމްބަރ2008ގައި ވަނީ ފަސްފަތާ މޯޅިވެފައެވެ. ކޮޅުނެއްކޮޅަށް އުފާފުޅު ކުރައްވައި އެއްކަލަ ގަސްދަށުގައި ދޫނިފަތު ގޮދަޑީގައި ދޫނިފަތު ބާލީހުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅަށް އޮންނަވަނިކޮށް ގުރޫޕްގެތެރެއިން ބަޔަކުއައިސް ގާސިމްގެ ދެކޮޅަށް އަތްމަހާލައިގެން ގެންގޮސް ތޮށިންބޭރުކޮއްލިއެވެ.
ގާސިމަށް އެވެރިކަން ޒަހަރަކަށް ވެވަޑައިގަތުމުގެ ނަތީޖާއަކީ އުހުނ! ތަކުރާއޭ ވިދާޅުވެ އެވެރިކަން ދައުރުހަމަ ނުވަނީސް ވައްޓާލުމެވެ. އެއަށް ފަހު ޖެހީ ބޮޑުވެ ފަޢްކާވެފައިވާ ގަހެކެވެ. އެގަހުގައި ގޮފި ނެތުން ފިޔަވައި އެހެން އުނިކަމެއް ނެތެވެ.
އެކިވައްތަރުގެ އެކިގަހުން ގޮފި ގެންގޮސްގުޅުވައިގެން އުޅުނު އުޅުމުގެ ތެރޭ ގާސިމްގެ ގޮފީގައި މޭވާ އަޅާ ފައްކާވުމުން މީހަކަށް އެގުމެއް ކެހުމެއް ނެތި ގާސިމް އެމޭވާ ބިދެލިއެވެ. މައިގަހަށް އެކަން އެގުމާއެކު އެގޮފި ކަނޑާ ވައްޓާލިއެވެ. ގާސިމަށް އެހެން ގޮތްޕެއް ހަރުކުރުމުގެ ފުރުސަތު ދިނުމުން ފޫ ކަހާލިނަމަވެސް މަޖްބޫރުވެ ވަޑައިގަތީ ބޯލަނބާ ކިޔަމަންވާށެވެ. ބިދެލިމޭވާ އަތުލާފާނެކަމުގެ ބިރަށެވެ. އާދެ! އެމޭވާއަކީ މާމިގިލި 99 އަހަރަށް އެގްރީމެންޓް ބަދަލު ކުރުމެވެ.
ދެން ގާސިމް ވެރިކަމަށް ވަޑައިގަންނަވަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ. އެހައި ހިސާބުން "ފާހާނާ ސާފުކުރުމުގެ ވަޒީފާ ވެސް ހެޔޮ" ކަމަށް ވިދާޅުވެ އަނެއްކާވެސް ވެރިކަމުގެ ކޮއިލުގެ ތެރެއަށް ވެންނެވިއެވެ. ނަމަވެސް ވެރިއަކަށް ލިބެން ޖެހޭ އާރާއި، ބާރާއި، އިހްތިޔާރު ލިބިވަޑައިނުގެންނެވުމުން މިވެރިކަން ވެސް ގޯސް ވެއްޖެއެވެ.
ހިސާބު ޖަހާ މިވެރިކަން ވައްޓާލެވެން އޮތް ފޯމިއުލާ އަކީ ކޮބައިތޯ މަސައްކަތް ފަށައިފިއެވެ. އެތެރެއިންނާއި ބޭރުން މަދަދު ހޯދަން ފަށައިފިއެވެ. އެ މަސައްކަތް ކުރަން ބޭނުންވާ "މުވައްޒަފުން" ހޯދައިފިއެވެ. އެމީހުންނަށް ކުރަން ޖެހޭ ޚަރަދުތައް ވެސް ދިޔައީ ކުރަމުންނެވެ.
ނަމަވެސް މިފަހުގެ ތާރީހުގައި ގައުމާއި ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމެއްގެ މުގުލުގައި އެހުންނަވަނީ ގާސިމެވެ. ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް ގާސިމަކީ އިޚްލާސްތެރިކަމާއެކު ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކަށް ވެވަޑައިގަތްނަމަ ދިވެހިން މިހާލަތަށް ވެއްޓެން ނުޖެހުނީހެވެ.
ގާސިމް ބޭނުންފުޅު ވަރަކަށް ފަޅުރަށްތަކާއި ފަޅުތަކާއި ބިންތައް ނަންގަވައިގެން ބޭނުންހާ ގޮތެއް ހައްދަވަމުން އަދި ދައުލަތައް ދައްކަން ޖެހޭ ޓެކްސް ވެސް ނުދައްކަވާ އެހުންނަވާ ހުންނެވުން އެއީ ވެސް ބަލައި ފިޔަވަޅު އަޅަން ޖެހިފައިވާ ކަންކަމެވެ. ދިވެހި ރައްޔިތުންގެ ފައިސާ ހިފަހައްޓަވައިގެން އެފައިސާ އިން ސިޔާސީ ހަރަކާތް ހިންގަވާ ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ