ކަރަންޓު މީޓަރުގެ ރީޑިން ފެންނަ ގޮތަށް ފޮޓޯއެއް ފޮނުވަން ސްޓެލްކޯ އިން އެދިއްޖެ

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހާ ގުޅިގެން މާލެ ފުރަބަންދުގެ ހާލަތަށް ގެނެސްފައި އޮތުމާއި ގުޅިގެން ރީޑިން ބެލުމަށް ގޭގެއަށް ދިއުމުގެ ބަދަލުގައި ކަރަންޓު މީޓަރުގެ ރީޑިން ފެންނަ ގޮތަށް ފޮޓޯއެއް ފޮނުވުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑް-19 ގެ ސަބަބުން މި ދުވަސްކޮޅު ގޭގެއަށް ރީޑިން ނަގަން ވަނުމަކީ ގޭގޭގައި އުޅޭ މީހުންނާއި ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އެހެން ކަމުން މި ދަނޑިވަޅުގައި އެއްވެސް ގެއަކަށް ނުގޮސް ރީޑިން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ގޭގެއަށް ގޮސް ރީޑިން ނެގުމުގެ ބަދަލުގައި ސްޓެލްކޯގެ ވެބް ޕޯޓަލް www.stelco.com.mv/smr އަށް ފޮޓޯއެއް ފޮނުވުމަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ. އަދި މިގޮތަށް ފޮޓޯ ފޮނުވެން ނެތް ފަރާތްތަކުގެ ބިލް ތައްޔާރު ކުރާނީ މީގެ ކުރިން ކަރަންޓު ބޭނުން ކުރަމުން އައި މިންވަރުގެ އެވްރެޖަށް ބަލައިގެން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސްޓެލްކޯގެ ބަޔާނުގައި އިތުރަށް ވަނީ މިގޮތަށް އެވްރެޖަށް ބަލައި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި ކަރަންޓު ބޭނުން ކުރަމުން އަންނަ މިންވަރަށް ބިލް ހެދުމަށްޓަކައި އެފަދަ ބިލުތަކަށް އިތުރު ބަދަލެއް އައިސްފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯ އިން ވަނީ އެކުންފުނީގެ ހުރިހާ ހިދުމަތަކަށްވެސް ގޭގައި ތިބެގެން ހޯދުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ