ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން އދ އާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން އ.ދ އާއެކު މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރައްވާފައިވަނީ އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްއާއި ނައިބް ރައީސް ފައިޞަލް ނަޞީމް ބައްދަލުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އދ.ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ކޯވިޑް-19ގެ މިހާލަތުގައި ފޯރުކޮށްދެމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރވަނީ ރާއްޖޭގެ ސަރުކާރުން ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި މިދަތި ހާލަތުގައި އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތައް އަލުން އާރާސްތުކުރުމުގެ ވިސްނުން ގެންގުޅުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި، އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ.ން ދެމި އޮންނާނެކަމުގެ ޔަޤީންކަން އެކަމަނާ އެރުވިއެވެ.
އެގޮތުން، އިޖުތިމާޢީ ޚިދުމަތްތައް ދިނުމުގައި ޤައުމީ އެއް ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ގޮތަށް މަސައްކަތް ކުރުމާއި، ކްރިޓިކަލް ސަރވިސް ކެއަރގެ ދާއިރާއިން މީހުން ބިނާކުރުމާއި، ޤައުމުގެ މުހިންމު މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޑރ މުނީރު ޝަފީލްދީންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީއާއި، ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ޞަބްރާ އިބްރާހީމް ނޫރައްދީނާއި، އަންޑަރ ސެކްރެޓަރީ ޢާއިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ