އެމްއެންޑީއެފްގެ ދަ ބޭސިކް ސްކޫލް ރައީސް ހުޅުއްވައިދެއްވައިފި

ޅ. މާފިލާފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ގާއިމްކުރި ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
އެމް.އެން.ޑީ.އެފްގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ އެ ސްކޫލު ރައީސް ހުޅުއްވައިދެއްވީ މާފިލާފުއްޓަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދެ ބްރާންޗްގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިންގ ބްރާންޗެވެ. މިއީ އަސްކަރިއްޔާގެ އެންމެ އަސާސީ ތަމްރީނާއި، އަސްކަރީ ބޭސިކް ސްކިލްސްގެ ދާއިރާތަކުން މުދައްރިބުން ބިނާކުރުމަށްޓަކައި ހިންގާ ތަމްރީނުތައް ހިންގުމަށް އުފައްދާފައިވާ ޚާއްޞަ ސްކޫލެކެވެ.
އެ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ މަރުކަޒުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ އެ ތަނުގެ އެޑްމިން ބްލޮކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވައިލައްވާފައެވެ. އެޑްމިން ބްލޮކަކީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގެ ފުރަތަމަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ނޮދަރން އޭރިޔާ ހެޑްކުއާޓަރޒް އަދި ހުރިހާ ތަމްރީނުތަކެއްގެ އިދާރީ ހިންގުން ބަލަހައްޓާ މައި އޮފީހެވެ.
އެއަށްފަހު ރައީސް ވަނީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރގެ ކޮމްޕައުންޑަށް ވަޑައިގަންނަވާ، އެ ތަން ބައްލަވައިލައްވާފަ އެވެ. އެތަނަކީ އަސާސީ ތަމްރީނު ދިނުމަށް ޚާއްޞަކޮށްގެން އެއްފަހަރާ 190 ދަރިވަރުންނަށް ތަމްރީނު ދެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ. އެތަނުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފަ އެވެ.
ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރ ބައްލަވައިލެއްވުމަށްފަހު ރައީސް ޞާލިހު ވަނީ އެ ރަށުގައި ހަނދާނީ ރުކެއް ވެސް އިންދަވައިދެއްވައިފަ އެވެ. އަދި، އެމަނިކުފާނު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ