އޮބްލޫ ސަންގެލި ރިސޯޓު: ޕޮޒިޓިވްވި މީހުންގެ އަދަދު 42 އަށް!

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ފެނިފައިވާ ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 42 އަށް އަރައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 42 އަށް އަރާފައިވާ އިރު ކޮންޓެކްޓުންގެ ގޮތުގައި 52 މީހަކު ދެނެގަނެވިފައި ވާ ކަމަށެވެ. އެގޮތުން މި ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އޮބްލޫ ސަންގެލި ފެނުނު ކޭސްތަކުގެ ތަފްސީލް ދެއްވަމުން ނަޒްލާ ވިދާޅުވީ، މި މަހުގެ 3 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 3 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މި މަހުގެ 11 ވަނަ ދުވަހުގެ ބަލީގެ އަލާމާތް ހުރެގެން ޓެސްޓު ކުރި 2 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން ރެންޑަމް ސާމްޕަލް ނަގާފައި ވާއިރު 27 މީހަކު އިއްޔެ ޕޮޒިޓިވް ވެފައި ވާ ކަމަށާއި އަދި މިއަދު 10 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އޮބްލޫ ސަންގެލި ރިސޯޓުގެ އިތުރުން އޮޅުވެލި ރިސޯޓުގެ މިހާތަނަށް 26 މުވައްޒަފަކު ވަނީ ޕޮޒިޓިވް ވެފައެވެ. ހަމައެއާއެކު މިހާތަނަށް ބިޔާދޫ އައިލެންޑް ރިސޯޓުން 53 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ