ދައުލަތުގެ ފައިސާއިން ހިޔާނާތުގެ ގޮތުގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ނެންގެވީ މާތް ﷲ ގެ ހައްގެއް ކަމަށާއި އަނބުރާ ދެވުނު ގޮތަކަށް އެފައިސާ ދައުލަތަށް ދިނުމަށް އަދީބުގެ މައްޗަށް ހުކުމް އިއްވެވި ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުން މިރޭ ވަނީ އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ހުކުމް އިއްވެވުމަށްފަހު ގާޒީ ހަސަން ސައީދު ވިދާޅުވީ ޒުވާނަކަށް ވެ ހުންނަވައި، ނައިބުރައީސްކަން ފަދަ ބޮޑު މަގާމެއް ލިބުނު ގޮތް ހަނދުމަފުޅު ކުރެއްވުމަށެވެ. އަދި އެ މަގާމުގެ ބޭނުން ކުރެއްވި ގޮތް ހަނދުމަފުޅު ކުރެއްވުމަށެވެ. އެ މަގާމުގައި ހުންނެވިއިރު އެހީތެރިވި އެހީތެރިވި ގޮތް ބައްލަވައިލެއްވުމަށާއި، މިއަދު އަޅާލާނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިހެން މި ދެންނެވީ ނަފްސާއި އަޅާލާނެ އެންމެ ފަރާތެއް ހުންނާނީ. އެހެންމަ ނަފްސު ވިއްކައިލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ
- ގާޒީ ހަސަން ސައީދު
ގާޒީ އިތުރަށް ވިދާޅުވީ ދިވެހި ދައުލަތް ލަދުގަންނަ ފަދަ ކަމެއް މުޅި ދުނިޔެއަށް ފަޟީހަތް ވެގެން ހިނގައްޖެ ކަމަށެވެ.
އެވާހަކަތައް ދައްކަވަނީ އަދީބަށް ދެރަގޮތެއް އެދިވަޑައިގެން ނޫންކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ އެވާހަކަ ދައްކަވަން ޖެހިވަޑައިގެންނެވީ ޒުވާން އުމުރުގައި އެފަދަ މަގާމެއް ލިބިވަޑައިގެންނެވި ގޮތް އެއްވެސް ވަރަކަށް ހަނދުމަފުޅު ނުކުރެވުމުން ކަމަށެވެ.
ބައްލަވާ ކިހާ ގިނަ ވަގުތެއްތޯ މި ހޭދަވީ. އެހެންމަ ހަމަ ތެދުތެދަށް މި ދެންނެވީ އަޅުގަނޑު އެދެން ބާކީ އޮތް ދުވަހު އަމިއްލަ ނަފްސު މުރާޖާކޮށް އެކަން ވީ ގޮތް އަމިއްލަ ނަފްސާއި ސުވާލުކުރުމަށް
- ގާޒީ ހަސަން ސައީދު
މަގާމު ލިބުނު ގޮތުގެއާއި އަދި އޭގެ ފަހުން ކަން ހިނގައި ދިޔަގޮތުގެ ހަގީގަތް ދައުލަތަށް ހިއްސާ ކުރުމަށް އެދިވަޑައިގަންނަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ނެންގެވި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުމަށެވެ. އަދި އެހެން ނޫންނަމަ ތައުބާވި ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
އަދީބު ނިގުޅައިގެންނެވީ އެކެއްގެ ހައްގު ނޫން ކަމަށާއި އެކެއްގެ ހައްގު ނަމަ ދެވުނީސް ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ. އަދި އަމިއްލަ ނަފްސަށް ކުށެއް ކުރެވުމުން އެކަމަށް ތައުބާވުމުން ފުދޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ހިޔާނާތުގެ ގޮތުގައި ނެންގެވީ ﷲ ގެ ހައްގެއް ކަމަށާއި، އެއީ މުޅި ދިވެހި ހުރިހާ ރައްޔިތުންގެ ހައްގެއްކަން ފާހަގަކުރައްވަމުން ގާޒީ ވަނީ އެކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައިފަ އެވެ.
ގާޒީ ވިދާޅުވީ އެ ހިޔާނާތުގެ ތެރޭގައި ދައުލަތުގެ ވަޒީފާގައި ތިބޭ މީހުންނާއި ކޯޓުތަކުގެ ފަނޑިޔާރުންވެސް ހިމެނޭކަމަށް އަދީބު ވިދާޅުވުމުން އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އަދީބުގެ ފަރާތުން އެދިވަޑައިގަންނަވަނީ އެފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައިދެއްވުމަށް ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީގެ ވާހަކަފުޅު ނިންމަވާލެއްވީ އަދީބުގެ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ހެޔޮ ގޮތުގައި ވޭތުކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އިއުތިރާފުވެވަޑައިގަންނަވަމުން އޭނާ ވަނީ ކުރެވުނު ކުށަށް ތައުބާވެ ވަޑައިގަންނަވާ ކަމަށާއި، އެދެނީ ރައްޔިތުންގެ ކިބައިން މައާފު ލިބުންކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ބޭނުންވެލައްވަނީ ހިޔާނާތުގެ ގޮތުގައި ނެންގެވި ފައިސާ އަނބުރާ ދައުލަތަށް ހޯދައިދިނުމަށް ވެދެއްވުނު ކޮންމެ އެހީއެއްވެސް ވެދެއްވަން ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.
ގާޒީ އަދީބަށް: މިއީ ﷲގެ ހައްގެއް، ދެވުނު ގޮތަކަށް ފައިސާ އަނބުރާ ދެއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ