ރާއްޖެޓީވީން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ޕްރޮމޯޓުކުރާ ކަމުގެ ތުހުމަތު!

ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ރާއްޖެޓީވީން ގެނެސްދިނުަށް ހަމަޖެހިފައިވަނީ "ސެލެބްރިޓީ ރޭސް" ރިއަލިޓީ ޓީވީ ޝޯގައި ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓު ކުރާ ހެލިކޮޕްޓަރާއި ދިވެހި ސިފައިންގެ ބައެއް އުޅަނދުތައް ބޭނުން ކުރުމުން އެކަމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފާޅުކުރެއްވި ހިޔާލެއްގައި އުމަރު ވިދާޅުވީ، އެ ޕްރޮގްރާމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ހިތްވަރުދިނުމަށް ގެނެސްދޭ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭނެ ޔުނިޓެއް ގާއިމް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނަގާ ޕްރޮގްރާމެއްކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.
ދ.އަތޮޅުގެ ގެމެންދޫ ފަޅުތެރޭގައި ޝޫޓުކުރި މި ޕްރޮގްރާމްގައި ދިވެހި ސިފައިންގެ ބައެއް ވަސީލަތްތަކާއި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު ބޭނުން ކޮށްފައިވާއިރު ދައުލަތުގެ މުދާ އަމިއްލަ މީޑިއާއަކަށް ބޭނުން ކުރުމުގެ ފުރުސަތު ދިނީ ކޮން އުސޫލަކުންކަމެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެކަންކޮށްދިނީ އިޖުތިމާއީ ހިދުމަތެއް އަދާކޮށްދިނުމުގެ މާތް މަޤްސަދެއްގައި ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ދައުލަތުގެ މުދާ އަމިއްލަ ފަރާތަކަށް އެގޮތަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށްވެސް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ