ކޮޅުވެއްޓީގެ މައްސަލަ: ކާށިދޫ ދާއިރާގެ ކުރީގެ މެންބަރުއަތުން ހަލައްކައަށްވުރެ ގިނަ ޑޮލަރު ހޯދަން ދައުލަތުން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު މީގެ 12 އަހަރު ކުރިން މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު، އެތަނަށް ގެނައި ކޮޅުވެއްޓިއެއްގެ މައްސަލައިގައި، 643750 ޑޮލަރު ނަގައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައަކީ 2008 ވަނަ އަހަރު، އޭރުުގެ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓަށް ގަތް ކޮޅުވެއްޓިއެއް، ވޭސްޓްމެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އިސްމާއިލް އަބްދުލް ހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދުގެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ މައްސަލައެވެ.
މި މައްސަލައިގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދައިދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށް ވާތީ، އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމުން އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައި ދެއްވިކަމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދޮޅު އަހަރަށް އަރުވާލުމަށް ހުކުމް ކުރާ ކަމަށެވެ.
މި ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދު ކޮށްފައެވެ.
އިސްމާއިލް އަބްދުލް ހަމީދުގެ މެންބަރުކަމުގެ ގޮނޑީ ގެއްލުނީވެސް މި މައްސަލައިގައެވެ. އޭނާގެ ގޮނޑި ގެއްލުނީ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން ކުރި ހުކުމަށް 2012 ވަނަ އަހަރުގެ ފެބްރުއަރީގައި ސުޕްރީމް ކޯޓުން ތާއީދު ކުރުމާއި ގުޅިގެންނެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކުރި މައްސަލައިގައި ބުނެފައިވަނީ، އެ މައްސަލައިގައި އެ އުޅަނދުގެ ވޮރަންޓީގެ މުއްދަތު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެ އުޅަނދުގެ ބަދަލުވެސް ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްމާއިލް އަބްދުލް ހަމީދުގެ އަތުން 643750 ޑޮލަރު އެކީ އެކައްޗަށް ދައުލަތަށް ލިބިދިނުމަށް ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ