ތަޢުލީމީ ދާއިރާގެ ކުރިމަގަކީ ޒުވާން މުދައްރިސުން: ރައީސް

މުދައްރިސުންގެ ތެރޭގައި ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަމަށާއި މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތޯބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯ އިން ކަނޑައަޅާފައިވާ "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވީ، މި ޝިޢާރުން ދޭހަވަނީ ޤައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރު ކަމަށެވެ. އަދި ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުކަންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީއާ ފައި ހަމަވާ ގޮތަށް، އެ މުޖްތަމަޢެއް ހަރުދަނާވެ ކުރިއަރައިގެންދާނީ، ޒަމާނީ ތަޢުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަންވެެސް ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ތަޢުލީމީ ހިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދު ނޫންކަމަށެވެ. އަދި ތަޢުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަގުލަބިއްޔަތަކީ ވެސް ޒުވާނުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުން ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރުގެ ތަޢުލީމީ ސިޔަސަތަކީ ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ، ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމަޢަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުންވެސް ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަޢުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ޙާޞިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ފާހަގަކުރައްވައި ވިދާޅުވީ، ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަހްސިއްޔަތުގެ ހަރުދަނާކަމާއި އެދަރިވަރުން އަނެކުންނާ މުޢާމަލާތުކުރާ ގޮތާއި ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަމަކީވެސް ކާމިޔާބީއެއް ކަމަށެވެ.
އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، ހަރުދަނާ އަހުލާގު ރަނގަޅު އިސްނަގަންކެރޭ ޤާބިލް ޒުވާނުން ޖީލެއް އުފެއްދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ