ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އެފްއޭއެމްގެ އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް އުމަރު ގޮވާލައްވައިފި

ރާއްޖޭގެ ޖަމްއިއްޔާތަކާއި ބެހޭ ގާނޫނާއި، ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިސް (އެފްއޭއެމް) ގެ އިންތިހާބް ވީހާވެސް އަވަހަށް ބޭއްވުމަށް، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު މިކަމަށް ގޮވާލެއްވީ، މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޔޫތް މިނިސްޓަރ އަހުމަދު ޘުހޫރާއި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުރުން އެފްއޭމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ އެފްއޭއެމްގެ އިންތިހާބް ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށާއި، ނަމަވެސް އިންތިހާބް ބާއްވަން ޖެހޭނީ ޖަމްއިއްޔާތަކުގެ ޤާނޫނާއި، ހެދިފައިވާ އެންމެހާ ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. މިނޫންގޮތަކަށް ރާއްޖޭގައި ޖަމްއިއްޔާއެއްގެ އިންތިހާބް ކުރިއަށް ގެންދެވޭނެކަމަށް ފެނިވަޑައި ނުގަންނަވާކަމަށްވެސް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމް ހަރުދަނާވުމަކީ މިނިސްޓްރީން ވަރަށްބޮޑަށް އެދޭކަމެއް ކަމަށެވެ. އެގޮތުން ދެފުށް ފެންނަ ގޮތަކަށް އެފްއޭއެމްއިން ކުރެވޭ ޚަރަދުތަކާއި ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ހަރަދު ކުރެވޭގޮތާއި މިނިސްޓްރީން ދޭ ފައިސާއަށް ހަރަދުކުރާ ގޮތް މިނސިްޓްރީއަށް ސާފުކޮށް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް، ޒުހޫރު ވިދާޅުވިއެވެ.
އަދި އަހަރުން އަހަރަށް ތައްޔާރު ކުރެވޭ އަހަރީ ކަލަންޑަރެއް އަދި އެނުއަލް ރިޕޯޓެއް ނުލިބޭކަމީވެސް ކަންބޮޑުވާންޖެހޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދާދިފަހުން ނެރުނު ޓްރާސްޕޭރެންސީ އިންޓަރނޭޝަނަލް ރިޕޯޓްގައި އެފްއޭއެމްއިން ފައިނޭންޝަލް ރިޕޯޓެއް، އޯގަނައިޒޭޝަން ޗާޓެއް، އެނުއަލް އެކްޓިވިޓީ ރިޕޯޓެއްގެ އިތުރުން ކޯޑް އޮފް ކޮންޑަކްޓެއް ތައްޔާރުކޮށްފައި ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި މީގެ އިތުރުން އެފްއޭއެމްއިން ތަފާތު ގިނަ ފަރާތްތަކަށް ފައިސާ ނުދައްކައިގެން ތަކުރާރުކޮށް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާކަމާއި، މިމައްސަލަތައްވެސް ވީހާވެސް އަވަހަށް ހަމަޖައްސެއްމަށް މިނިސްޓަރު ވަނީ އެފްއޭއެމްއަށް އަންގައިފައެވެ.
މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް ވަނީ މިހާރު ހުށަހަޅާފައިވާ އަސާސީ ގަވާއިދުގައި ޤާނޫނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި މިކަންތައް އިސްލާހުކޮށް އިންތިހާބް އަވަހަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ