"އައްޑޫ ރައްޔިތުން އުޅެމުންދިޔަ ނިކަމެތި ދިރިއުޅުމުން ސަލާމަތްކޮށްދިން ބަޔަކީ އިނގިރޭސިން"

ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިއުމާރުގައި އޮތް ދުވަސްވަރު އެމީހުން ރާއްޖޭގައި ދިރިއުޅެމުން ދިޔައީ އައްޑު އަތޮޅުގެ ގަމުގައެވެ. އެދުވަސްވަރަކީ އައްޑޫއަށް ބޮޑެތި ތަރައްގީތަކެއް ލިބުނު ދުވަސްވަރެކެވެ. އައްޑޫގެ ތަރައްގީގެ އަސްލަކީ އިނގިރޭސީންނެވެ. މިއީ އައްޑޫގައި އިނގިރޭސިން އުޅުނު ދުވަސްވަރު އެމީހުން ކައިރީ މަސައްކަތް، އެމީހުންދޭ އުޖޫރައިން ބަނޑުފުރާ މުއްތިކޮށް އުޅުނު މުހަންމާބެ ދެކޭ ގޮތެވެ.
މިހާރު އައްޑޫ ސިޓީގެ ހިތަދޫގައި ދިރިއުޅޭ 80 އަހަރުގެ މުހަންމާބެ ވަނީ އެތައް ތަޖުރިބާތަކެއް ކޮށްފައެވެ. އެ ތަޖުރިބާތައް މުހަންބެ ވަނީ "ވަގުތާ" ހިއްސާކޮށްފައެވެ.
މުހަންމާބެގެ ޅަ އުމުރު ހިއްސާކުރިއިރު މުހަންމާބޭއަށް އެތައް އަސަރުތަކެއް ކުރުވިއެވެ. އޭރު މުހަންމާބެ އުޅުނީ ވަރަށްވެސް ނިކަމެތި ހާލުގައެވެ. ކާލާނެ އެއްޗެއް ގިނަ ފަހަރަށް ނުލިބެއެވެ. ވާރޭ ވެހެންޏާ ގޭތެރެއަށް ވާރޭގެ އަސަރުކުރެއެވެ. ގެދޮރު ހުރީ ވަރަށްވެސް ފަގީރު ހާލަތުގައެވެ. މުހަންމާބެ ބުނީ ވާރޭވެހެން ފެށުމުން ވާރޭ ވިއްސާ ވާހަކަ ރޮމުން ބައްޕަ ކައިރީ ބުނާ ކަމަށެވެ. އޭރު ވިއްސާރައިން ސަލާމަތްވުމަށް މުހަންމާބެމެން ބޭނުންކުރީ އަލަ ފަތާއި ކެޔޮ ފަތެވެ.
އޭރު ފުށާއި ހަކުރާއި ހަނޑުލަކީ ކޮން އެއްޗެއް ކަމެއްވެސް ބޭބެއަކަށް ނޭނގެއެވެ. ކައި އުޅުނީ ފަލަ މަޑިއާއި ގަސްގަހުގެ މުލެވެ. މީގެއިތުރުން ފަޅޯއަކީވެސް ބޭބެމެން ވަރަށް ގިނައިން ކައި އުޅުނު އެއްޗެކެވެ.
މި ނިކަމެތި ހާލުން މުހަންމާބެއަށް އަރައިގަނެވުނީ އައްޑޫއަށް އިނގިރޭސިން އެރުމުންނެވެ. އެމީހުން އައްޑޫއަށް އަރައި އެތައް މަސައްކަތެއް ފެށިއެވެ. ތަފާތު މަޝްރޫއުތައް ހިންގަން ފެށިއެވެ. އަދި އެ މަޝްރޫއުތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އައްޑޫގެ ރައްޔިތުންނަށް ވަޒީފާ އިނގިރޭސިން ދިނެވެ. އޭރު މުހަންމާބެއަށް އުޖޫރައެއްގެ ގޮތުގައި ލިބެނީ ދިވެހި ދެ ރުފިޔާ އާއި ހަނޑޫ ނާޅިއެކެވެ. އޭރަށް ބަލާފަ ބޮޑު އެއްޗެކެވެ. އޭރު މުހަންމާބެ ދިޔައީ އިނގިރޭސިން ދެއްކި މަސައްކަތެއްވިޔާ ކުރަމުންނެވެ. ބޭބެ ބުނިގޮތުގައި އިނގިރޭސިން އަރައި އޭރު ގަމުގައި ދިރިއުޅުން މީހުން ފޭދޫއަށް ބަދަލުކުރިއެވެ.
އައްޑޫގައި އެތައް އަހަރެއް އިނގިރޭސިން ހޭދަކުރުމަށްފަހު އެމީހުން ގަން ދޫކޮށްދިއުމުން މުހަންމާބެމެންނަށް އުނދަގޫތަކެއް ކުރިމަތިވިކަމަށް ބޭބެ ބުންޏެވެ. ބޭބެ ބުނީ އެ ހިސާބުން އައްޑޫގެ ތަރައްގީއަށް ހުއްޓުމެއް އައި ކަމަށެވެ.
މާލޭ ސަރުކާރާއި އައްޑޫ ވަކިކުރުމަށް ދެކުނުގައި ހިނގައިދިޔަ ގަޑުބަޑުގެ ހަނދާންތައްވެސް މުހަންމާބެގެ އެބަހުއްޓެވެ. މި ގަޑުބަޑަކީ އޭރުގައި އައްޑޫގައި ވެރިކަންކުރި އަފީފު އިސްނަގައިގެން ހިންގި ގަޑުބަޑެއް ކަމަށް ބޭބެ ބުންޏެވެ. އަފީފު އައްޑޫގައި ވެރިކަންކުރި ދުވަސްވަރުގައިވެސް މުހަންމާބެމެންނަށް އެއްވެސް އުނދަގުލެއްނުވާކަން ބޭބެ ފާހަގަކުރިއެވެ.
ނަމަވެސް ބޭބެ ބުނީ ވަކިވެގެން ސަރުކާރު ހިންގުމަކީ ގަބޫލުކުރާކަމެއް ނޫން ކަމަށެވެ. ތަރައްގީވާންޖެހެނީ އެކަތި ގަނޑެއްގެ ގޮތަށް ކަމަށެވެ.
މުހަންމާބެ ބުނީ ބޭބެ އެތައް ވެރިކަމެއް ފެނިފައިވާއިރު އިބުރާހިމް ނާސިރުގެ ވެރިކަމުގައި އުޅުނީ ވަރަށް ހާލުގަ ކަމަށާއި އޭރު ދިރިއުޅުނީ އަޅުންގެ ގޮތަށް ކަމަށެވެ. ނަމަވެސް އިނގިރޭސިން ހިމާޔަތުގައި އައްޑޫ އޮތްއިރު އެމީހުން އައްޑޫގެ ރައްޔިތުން އެއްވެސް ވަރަކަށް އަޅުވެތިކޮށްފައިނުވާ ކަމަށް ބޭބެ ބުންޏެވެ.
އިނގިރޭސިންނަކީ މުސްލިމުންނަށް ނުވީނަމަވެސް އެމީހުންނަކީ އެމީހުންގެ ދީނަށް އިހުތިރާމްކުރާ ބައެއް ކަމަށް މުހަންމާބެ ބުންޏެވެ. އެގޮތުން ނަމާދު ގަޑިޖެހުމުން ވަގުތުން ނަމާދަށް ފޮނުވާ ކަމަށްވެސް ބޭބެ ބުންޏެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށްފަހު އިނގިރޭސިން ގަން ދޫކޮށް ފޭބުމަކީ މުހަންމާބެއަށް ފުން ހިތާމައެއް ކުރުވި ކަމެކެވެ. އެއީ ބޭބެ ވަރަށް ދެރަވި ދުވަހެކެވެ. އިނގިރޭސިން އައްޑޫގެ ރައްޔިތުންނާމެދު ކަންތައްތައް ކުރަމުންދިޔައީ ވަރަށްވެސް ރަނގަޅަށް ކަމަށް މުހަންމާބެ ކިޔައިދިނެވެ.
މުހަންމާބެމެންގެ ގެދޮރު ބިނާކުރެވުނީ އިނގިރޭސިންގެ ސަބަބުންނެވެ. އައްޑޫއަށް އައި ތަރައްގީގެ އަސްލަކީ އިނގިރޭސިންނެވެ. އެއީ މުހަންމާބެ ގަބޫލުކުރާ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ދުވަހަކުވެސް އައްޑޫއިން ބޭރުގައި މަސައްކަތެއްނުކުރާ މުހަންމާބެ ބުނީ އައްޑޫއަށްވުރެ ކަމުދާ އަތޮޅެއް ރާއްޖޭގައި ނެތް ކަމަށެވެ. އައްޑޫއަށްވުރެ ހިތްގައިމު އެހެން އަތޮޅެއް ރާއްޖޭގައި ނެތް ކަމަށްވެސް ބޭބެ ބުންޏެވެ. އައްޑޫއަށް އަތޮޅުގައި ވަކިން ހާއްސަ ބަހުރުވައެއް އޮތުމަކީ ބޭބެ ވަރަށް އުފާވާ ކަމެކެވެ. މުހަންމާބޭގެ އުންމީދަކީ ސްކޫލުތަކުގައި އައްޑޫ ބަހުރުވަ ކިޔަވައިދެވޭނެ ދުވަހެކެވެ.
ދިރިއުޅުމުގައި އެތައް ތަޖުރިބާތަކެއް ކޮށްފައިވާ މުހަންމާބެ ބުނީ މިހާރު ދިރިއުޅުމަކީ އެންމެ އުފަލުގައި ދިރިއުޅެމުންދާ ދުވަސްތައް ކަމަށެވެ. ސަރުކާރުން އެކަހެރިވެފައިވާ ދުވަސްވީ މީހުންނަށް އިނާޔަތެއްދޭން ފެއްޓުމަކީ ބޭބެމެންގެ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް މުހަންމާބެ ބުންޏެވެ.
މާމަ ދަރިން ގައިގާ ބައްދާލައިގެން ތިބެ، ދަރިންނަށް ފައިސާގެ ގޮތުން މި އުމުރުގައިވެސް އެހީތެރިކަން ފޯރިކޮށްދިނުމަކީ ބޭބެގެ އެންމެ ބޮޑު އުފާ ކަމަށް މުހަންމާބެ ކިޔައިދިނެވެ.
ބޭބެގެ އުންމީދަކީ އިނގިރޭސިން އައްޑޫއަށް ގެނެސްދިން ސްޕީޑްގައި މިހާރުގެ ސަރުކާރުންވެސް އައްޑޫއަށް ތަރައްގީއަށް ގެނެސްދީ، އިނގިރޭސިން އައްޑޫއަށް ގެނެސްދިން ތަރައްގީއަށްވުރެ ބޮޑު ތަރައްގީއެއް އައްޑުއަށް ލިބިގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ