އަލްޙާޢީދަށް ތައްޔާރުވުމުގެ މަސައްކަތް މާފަރު ރައްޔިތުން ފަށައިފި

މިއަހަރުގެ އަލްޙާޢީދަށް ތައްޔާރުވުމުގެ ގޮތުން ޒަމާނުންސުރެ މާފަރުގައި ކުޅެމުން އަންނަ " ދެލިމާލި" އަށް ދެލި އެންދުމުގެ މަސައްކަތް މާފަރު ރައްޔިތުން މިއަދު ފަށައިފިއެވެ. މިއަހަރުގެ އަލްޙާޢީދަކީ ވަރަށް ފޯރިގަދަ، ކުލަގަދަ ޢީދަކަށް ހެދުމުގެ ގޮތުން މިހާރު ވަނީ "ޢީދު ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާފައެވެ. އެގޮތުން މި ކޮމެޓީއަކީ މާފަރުގެ މުޅި ރައްޔިތުންނާއި ބައްދަލުކުރުމަށްފަހު ނަގާފައިވާ ކޮމެޓީއެއްކަމަށްވެސް " ވަގުތައް" ވަނީ މަޢުލޫމާތު ލިބިފައެވެ.
ދެލި އެންދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ، ނ.މާފަރު ހުދުވިލާގޭ އިބްރާޙިމް މުޙައްމަދު ( އިބްރާޙިމްބެެ ) " ވަގުތައް" މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މަސައްކަތް މިހާ ދުރާލާ ފެށިގެން ކުރިއަށްމިގެންދަނީ ވީހާވެސް ފުރިހަމަގޮތެއްގައި ދެލިމާލީގެ ކުޅިވަރު ރައްޔިތުންނާއި ހަމައަށް ގެނެސްދެން ބޭނުންވާތީ ކަމަށާއ،ި އަދި މިކުުޅިވަރަކީ މިފަހަރު ރަށުންބޭރުގައި ކުޅެން ހަމަޖެހިފައިވާ ކުޅިވަރެއްކަމަށްވާތީ ކަމަށެވެ. ހަމައެހެންމެ ، ވޭތުވެ ދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާ، މި މަސައްކަތަކީ ދުރާާލާ ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، މި ފަހަރުގެ ޢީދު އައުމުގެ ކުރިން މިފަދަ މަސައްކަތްތަކުން އަތްދޫކޮށް ބޭނުންވާ ކަމަށެވެ.
"ކުރީ އަހަރުތަކުގައިވެސް ދެލި އަންދަންޖެހުނީ ވަގުތު ވަރަށް ކައިރިވިފަހުން. އެހެންވީމާ، މާރަނގަޅަށް އެކަން ކުރެވޭގޮތެ ނުވި. އެކަމަކު މިފަހަރު އެންމެންވެސް މިތިބީ ވަރަށް ފޯރީގައި. އިރާދަކުރެއްވިއްޔާ މިފަހަރުގެ ޢީދު ވަރަށް ފޯރިގަދަވާނެ. " އިބްރާހިމްބެ ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން އެކުލަވާލެވިފައިމިވާ ކޮމެޓީއަށް އެތައް ފަރާތްތަކެއްގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ލިބެމުންދާކަން ފާހަގަކޮށް އިބްރާޙިމްބެ ވިދާޅުވީ ޙާއްޞަކޮށް މާާފަރު ކައުންސިލް އިދާރާއިން ލިބެމުންދާ އެއްބާރުލެއްވުމަށް، ކައުންސިލްގެ ރައީސަށާއި ޢާއްމު މެމްބަރުންނަށް ޝުކުރު އަދާކުރާކަމަށެވެ.
މާފަރަކީ އާބާދީގައި ގާތްގަނޑަކަށް 1200 މީހުން ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ