މެންބަރު އަހުމަދު އަބްދުﷲ އަށް ފުރައްސާރަ ކުރި ކަމަށް ބުނެ ހައްޔަރު ކުރި މީހަކު ކޯޓު އަމުރަށް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އަށް ފުރައްސާރަކޮށް މަލާމާތް ކުރަމުން ދިޔަ ކަމަށް ބުނާ މީހަކު ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ކޯޓުން ދޫކޮށްލައިފި އެވެ.ފުލުހުންގެ މިޑިޔާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ހއ. މާރަންދޫގައި މީހަކު، މެންބަރު އަހުމަދު އަބްދުﷲ އަށް ފުރައްސާރަ އާއި މަލާމާތްކުރަމުން ފަހަތުން ހިނގައި އުނދަގޫ ކުރާ ކަމުގެ ރިޕޯޓެއް ލިބުމުން އިއްޔެ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ކޯޓުން ދޫކޮށްލައިފައިވާ ކަމަށެވެ.އަހުމަދު އަބްދުﷲ އަށް މަލާމާތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައި ވަނީ ހއ. ތަކަންދޫ ހިތިގަސްދޮށުގޭ އާދަމް ފަހީމް އަބްދުﷲ އެވެ.ފަހީމް ބުނީ ދިއްދޫގައި ތިބޭ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އިއްޔެ ކަމަށާއި ދޫކޮށްލީ ރޭ އެ އަތޮޅު އިހަވަންދޫ ކޯޓަށް ހާޒިރު ކުރުމަށް ފަހު މެޖިސްޓްރޭޓްގެ އަމުރަށް ކަމަށެވެ. ފަހީމް ބުނީ މިދިޔަ އަންގާރަ ދުވަހު އޭނާ މާރަންދޫއަށް ކުރި ދަތުރެއްގައި މާރަންދޫ ބަނަދރުމަތިން އަހުމަދު އަބްދުﷲ  ފެނިގެން "އިތްޒަތްތެރި މެންބަރު މިހުރީއޭ" ބުނެފައިވާނެ ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ރިޕޯޓް ކުރި ފަރާތަކުން އޭނާ އަހުމަދު އަބްދުﷲ އަށް ފުރައްސާރަ އާއި މަލާމާތް ކުރުމުގެ އިތުރުން އެސްއެމްއެސް ފޮނުވައި މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައިވާ ކަމަށާއި ފުލުހުން އޭނާ ބަންދުކޮށް މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމަށް ފަހު ވެސް އެގޮތަށް ބުނެފައިވާ ކަމަށެވެ."އަޅުގަނޑު މާރަންދޫއަށް ދިޔަ އިރު އަހުމަދު އަބްދުﷲ ހުންނެވި އަތިރި މަތީގައި. އެތާނގައި އަޅުގަނޑު ބުނިން މިހުރީއޭ އަޅުގަނޑުމެންގެ އިތްޒަތްތެރި މެންބަރު، އެ ނޫން އެއްޗެއް އަޅުގަނޑު ނުބުނަން. އެކަމަކު ބަންދު ކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިހަވަންދޫ ކޯޓަށް ގެންދިއުމުން އަޅުގަނޑު ދޫކޮށްލީ ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ނެތް ކަމަށް މެޖިސްޓްރޭޓް އެންގެވުމުން،" އޭނާ ބުންޏެވެ. "އެސް އެމްއެސް ކުރި ކަމަށް ބުނާ އިރު އަޅުގަނޑަކީ އެސްއެމްއެސް ލިޔަން ދަންނަ މީހެއްވެސް ނޫން،"ފަހީމަކީ ތަކަންދޫގައި ހަރަކާތްތެރިވާ ޑީއާރްޕީގެ އިސް އެކްޓިވިސްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ