ރައްޔިތުން ކެތްތެރިވުމަށް ޖޭޕީގެ ލީޑަރު ގޮވާލައްވައިފި

މާލެ ފެނަށް ޖެހުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެ މިހާލަތުގައި ރައްޔިތުން ކެތްތެރިވެ ތިބުމަށް ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެމްޑަބްލިޔުއެސްސީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ފެން ކެނޑިގެން ދިއުމާއި ގުޅިގެން މިރޭ ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅެމުން އަންނަ މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑި، ކުއްލިގޮތަކަށް ބޮޑެތި ދަތިތަކަކާ ރައްޔިތުންނަށް ކުރިމަތިލާން ޖެހުމަކީ ވަރަށް ސީރިއަސް އަދި ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް މިދުވަސްވަރަކީ، ސްކޫލްތަކުގެ ޗުއްޓީއާ ދިމާކޮށް އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވެސް މާލެއަށް ޒިޔާރަތްކުރާ ދަނޑިވަޅަކަށް ވުމާއިއެކު، ފެނުގެ ޚިދުމަތް ލިބުން އާދައިގެ ޙާލަތަކަށް ނައިސް ގިނަ ވަގުތުތަކެއް ހޭދަވާން ޖެހިއްޖެނަމަ، އެކަމުގެ އުނދަގޫތައް ވަރަށް ގިނަ ބަޔަކު ތަޙައްމަލުކުރަން ޖެހޭނެ ކަމަށެވެ.
"މި ހިތާމަވެރި އަދި ދަތި އުނދަގޫ ޙާދިސާއާއި ގުޅިގެން އެނގިގެން މިދިޔައީ، މާލެއަށް ފެންފޯރުކޮށްދިނުމުގެ ޚިދުމަތަށް ބުރޫއަރާ ދަނޑިވަޅެއްގައި އަވަސް ޙައްލަކާއި ހަމަޔަށް ދެވޭނޭ ވަސީލަތްތަކަކާ ގޮތްތަކެއް މިހާތަނަށް ފަހިކޮށްފައި ނެތް ކަމެވެ. އެހެންކަމުން މާލޭގެ ފެނުގެ މައްސަލަ ޙައްލުކުރުމަށް މިވަގުތު އިސްކަންދޭ ފަދައިން، މި ބާވަތުގެ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކުމެ ރައްޔިތުންނަށް ކުއްލި ޙާލަތުގައި ޚިދުމަތް ފޯރުކޮށްދެވޭނެ އަވަސް މަގުތަކަކާ ގޮތްތައް މިހާރުން މިހާރަށް ރާވައި އިންތިޒާމުކޮށްފައި ބެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ" ގާސިމް އިބްރާހީމްގެ ބަޔާނުގައި ވެއެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފެނާ ނަރުދަމާއާ ކަރަންޓުގެ ޚިދުމަތަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއް ކަމަށް ވުމާއެކުވެސް، އެ ޙައްޤުތައް ހަމަހަމަކަމާ އިތުބާރާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ކުރިއެރުންތަކެއް މިވޭތުވި ދިހަވަރަކަށް އަހަރުވެސް ހޯދިފައިވާ ކަމަކަށް ނުވާކަމީ ވަރަށް ބޮޑު ފޭލްވުމެއްކަމުގައި އަދި އިހުމާލެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މި ދެންނެވި އަސާސީ ޙައްޤުތައް އިތުބާރާއެކު ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭން އެބަޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"މިފަދަ ކުއްލި ޙާދިސާއެއް މެދުވެރިވާ ކޮންމެ ޙާލަތެއްގައިމެ، ކެތްތެރިކަމާ އެކުވެރިކަން އިސްކުރުމަށް ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވަން. އަދި ދަތިކަމާ އުނދަގޫކަން އިޙްސާސްވާ ވަގުތުތަކުގައި، ނަފްރަތާ ރުޅިވެރިކަން އުފެދޭނެ އެއްވެސް ޢަމަލެއް އިސްކުރުމަކީ ޙައްލެއް ނޫންކަމާ، އޭގެ ސަބަބުން ނުކުންނާނީ ނޭދެވޭ ނަތީޖާތަކެއްކަން ހަނދުމަފުޅުކޮށް އަރުވަން" ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލައްވާފައިވަނީ ދަތިކޮންމެ ޙާލަތަކަށްފަހު، އެއަށްވުރެ ލުއިފަސޭހަ އަދި ހިތްހަމަޖެހޭ ވަގުތުތަކެއް މާތްﷲ އަޅުގަނޑުމެންނަށް މިންވަރުކުރައްވައި، އަޅުގަނޑުމެންގެ ކެތްތެރިކަން އިތުރުކުރައްވައި، އުނދަގޫތައް ފިއްލެވުމަށް އެދި ދުއާކުރައްވަމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ