ރާއްޖެއަށް ދެމެހެއްޓެނިވި އަދި އިންސާފުވެރި ތަރައްގީއެއް ގެނެވިފައި ނެތުމުން ދިމާވާ މައްސަލަތަކެއް އެބަހުރިކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއިން މިރޭ ބޭއްވި އެޕާޓީގެ އާއްމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ފާއިތުވި ތަނުގައި ތަރައްގީ ކުރުމުގައި މާލެއާއި އަތޮޅުތެރެ ތަފާތުކުރެވިފައިވާ ކަމަށެވެ.
"މިސާލަކަށް ދަންނަވަންޔާ މާލޭގައި ދިރިއުޅޭ މީހަކަށް ލިބޭ އާމްދަނީ އަތޮޅެއްގަ ނުވަތަ ރަށެއްގަ ދިރިއުޅޭ މީހަކަށް ލިބޭ އާމްދަނީއަށްވުރެ ދޭއް ޕޮއިންޓް ފަހެއް ގުނަ އިތުރު. އެކިއެކި ހިދުމަތްތަކާއި ވަސީލަތްތަކަށް ބަލާލާއިރު ވެސް މާލޭގައި ހުރި ހިދުމަތްތަކާއި ވަސީލަތްތަކުގެ ފެންވަރު މާމަތި" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ހިދުމަތްތަކާއި ވަސީލަތްތައް އަތޮޅުތެރޭގައި ހުރީ ވަރަށް ދެރަވަރުކޮށް އަދި ތަފާތު ބޮޑުކޮށް ކަމުގައެވެ. އަދި މާލޭގައި ތިބި ވަޒީފާ ނެތް މީހުންނަށްވުރެ އަތޮޅުތަކުގައި ތިބި ވަޒީފާ ނެތް މީހުންގެ އަދަދު މާ ގިނަ ކަމަށް ވެސް ރައީސް މައުމޫނު މިރޭ ވިދާޅުވިއެވެ.
"ޒުވާނުންނަށް ބަލާލާއިރު ރާއްޖޭގައިތިބި އަށާރަ އަހަރާއި ތިރީސް ފަސް އަހަރާއި ދޭތެރޭގެ އުމުރުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ވަޒީފާ ނެތް މީހުން، އެހެންވީމަ އެއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ތަނެއް އިސްލާހު ކުރަންޖެހޭނަމެއް" ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީފާނެތް ފިރިހެނުންނަށްވުރެ ވަޒީފާނެތް އަންހެނުންގެ އަދަދު މާގިނަ ކަމަށް ވެސް ރައީސް މައުމޫނު މިރޭ ވިދާޅުވިއެވެ.
އިންސާފުވެރި ތަރައްގީއެއް ގެނެވިފައި ނެތުމުން ދިމާވާ މައްސަލަތަކެއް އެބަހުރި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ