ޒިޔާދާގެ މައްސަލައިގައި އިއްވި ހުކުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ޖެންޑާ މިނިސްޓްރީ

ގދ. ތިނަދޫ، އިބްރާހިމް ޝާހު އޭނާގެ އަންހެނުން އެ ރަށު ޒިޔާދާ ނައީމް ރޭޕް ކުރި މައްސަލައިގައި ހައިކޯޓުުން މިއަދު އިއްވި ހުކުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ. ޝާހުގެ މައްޗަށް ދައުލަތުން ކުރި ފިރިމީހާ އަނބިމީހާ ރޭޕް ކުރި ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތެއް ނުވެ އެވެ. އެ ދައުވާގެ އިސްތިއުނާފު މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ތިމާގެ އަނބިމީހާ ކަމުގައިވީނަމަވެސް، ގަދަކަމުން އެއްވެސް މީހަކާމެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެއް ކަމަށެވެ. އަދި ޝާހު ކުށްވެރިވާ ކަމަށް ކަނޑައަޅައި އޭނާ ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރި އެވެ. އެ ހުކުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ، އެ ހުކުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމުގައި އެ މިނިސްޓްރީއިން ދެކޭ ކަމަށެވެ. އެ މިނިސްޓްރީއިން ފާހަގަ ކުރީ، ފިރިމީހާ އަނބިމީރާ ރޭޕް ކުރުމަކީ ގާނޫނު ބަލައިގަންނަ ކުށެއް ކަމުގައި ވިޔަސް، މިއީ އެފަަދަ މައްސަލައެއްގައި ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމެވެ. އެހެންވެ، އެ ހުކުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެ އެވެ. "...މިއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެން ދިޔަ ނުހަނު މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީއިން ދެކެމެވެ،" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ހައްގުތައް ރައްކާތެރިިކުރުމަށް ކުރައްވަމުން ގެންދާ މަސައްކަތަކީ އެ މިނިސްޓްރީއިން ބަލައިގަންނަ އެކަމަށް ޓަކައި އެ މިނިސްޓްރީއިން ޝުކުރުއާދާ ކުރާ މަސައްކަތެއް ކަމަށްވެސް، ބުނެފައިވެ އެވެ. ހައިކޯޓުން މިއަދު ކުރި ހުކުމަކީ މައްސަލަ ބެއްލެވި ފަނޑިޔާރުން އަލީ ސަމީރާއި، މުހައްމަދު ނިޔާޒު އަދި ހުސައިން ޝަހީދުގެ އިއްތިފާގުން ކުރި ހުކުމެކެވެ. ގަދަކަމުން އަނބިމީހާއާ ޖިމާއުވުމަކީ ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ: ހައިކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ