މަހިބަދޫގައި ލޯންޗުތަކުގައި ރޯކޮށްލި މައްސަލަ ދިރާސާކުރަން އޮތް ކޮމިޓީ ސިއްރުކޮށްފި

އދ. މަހިބަދޫ ފަޅުގައި އަޅާފައި ހުރި ލޯންޗުތަކެއްގައި ރޯކޮށްލުމުގެ މައްސަލަ ދިރާސާ ކުރަން ތާވަލުކޮށްފައި އޮތް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފިއެވެ.
މިއަދު 11:00 ޖަހާއިރު ބާއްވަން އޮތް އެ ކޮމިޓީގައި މަހިބަދޫ ކޭސް ދިރާސާކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި މ. އުޖާލާގެ އަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރި ކޭސްގެ ރިޕޯޓް ފައިނަލް ކުރުން ވެސް ތާވަލުކޮށްފައި އޮތެވެ.
މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ފަތިހު މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި ރޯކޮށްލި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެއީ ގަސްދުގައި ބަޔަކު ކުރި ކަމެއް ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ފަހުން މައުލޫމާތު ދީފައިވަނީ 30 އޭޕްރިލްގައެވެ. އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެއަމަލު ހިންގާފައިވަނީ އެ ރޭ ފަތިހު ޑިންގީއެއްގައި އެރަށަށް ދިޔަ ބަޔަކު، އަލިފާން ރޯކޮށްފައިވާ ފުޅިތަކެއް ލޯންޗްތަކަށް އުކައިގެން ކަމަށެވެ.
އެ މައްސަލައިގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވާއިރު ރިޔާޒް ވިދާޅުވީ އެ ހާދިސާއަކީ ރާއްޖޭން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހިންގި އަމަލެއްކަން ތަހުގީގަށް ފާހަގަ ވެފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަކީ އެފަދަ ޖަމާއަތްތަކާ ގުޅުން ބާއްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
މ. އުޖާލާގޭގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި އަށް ފުލުހެއްގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ދައުވާ އުފުލައިފައެވެ. އަދި އެ މައްސަލައިގައި ހެކި ނެތުމުން ތިން މީހެއްގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ