އީދު ނަމާދުކުރާނީ މިސްކިތްތަކުގައި، ބޮޑު ޖަމާއަތެއް ނޯންނާނެ: މިނިސްޓްރީ

މާލެ ސަރަހައްދުގައި މިފަހަރު އަޟްހާ އީދު ނަމާދު، ބޮޑު ޖަމާއަތުގައި ނުބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނޯންނާނެ ކަމަށާއި އެކަމަކު އިސްލާމީ މަރުކަޒާއި ހުކުރު ނަމާދުކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގައި [އީދު ނަމާދުކުރުމާ ގުޅޭގޮތުން] އެ ރަށެއްގެ ކައުންސިލްތަކުން ގޮތެއް ނިންމާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.
މި އަހަރުގެ ފިތުރު އީދު ދިމާވީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތް ދުވަސްވަރަށެވެ. އެހެންވެ ފިތުރު އީދު ނަމާދު ކުރަންޖެހެނީ ގޭގަ އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ވަނީ ނަމާދުކުރަން ފަށައިފަ އެވެ. އޭގެ ކުރިން، ރަށްރަށުގެ މިސްކިތްތަކުގައި ޖަމާތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައި ވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުން، އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 3،302 މީހުންނަށް އެ ބަލި ޖެހިފައިވާއިރު 2،534 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 738 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ