ބަޖެޓުގެ އަމާޒަކީ އަންނަ އަހަރު އިތުރު 20،000 ވަޒީފާ އުފެއްދުން: ރައީސް

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ އިތުރު 20،000 ވަޒީފާ އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ
އިނގިރޭސިވިލާތުގައި ހުންނަވައިގެން، އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތައް އިތުރު ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެކަން ކުރުމަށް މަގުފަހިވާ ގޮތަށް އަދި އަމިއްލަފަރާތްތަކަށް ލޯނު ފަހިވާ ގޮތަށް މިފަހަރުގެ ބަޖެޓުގައި ޖާގަލިބިފައި އޮންނާނެ ކަމަށެވެ.
"އެހެންވީމާ، އެލޯނުތައް މެދުވެރި ކޮށްގެން އިންޑަސްޓްރީގެ އެކިއެކި ސިނާއަތްތައް ކުރިއަރުވައި، އަޅުގަނޑުމެންގެ އާންމު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ އެންމެބޮޑު އަމާޒު. އަޅުގަނޑުމެންގެ ސީދާ އަމާޒަކީ ކުރިއަށް މިއޮތް 2011 ވަނަ އަހަރުގެ ތެރޭގައި މަދުވެގެން އަދި އިތުރު ރަނގަޅު ހަރުދަނާ ވިހިހާސް ވަޒީފާ އުފެއްދުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ އެންމެބޮޑު މަގްސަދަކަށް ވާންޖެހޭނީ، ކޮންމެ މީހަކީ އެމީހާގެ އަމިއްލަ ދެފައި މައްޗަށް ތެދުވެ އޭނާގެ ހަލާލު މަސައްކަތުން އޭނާގެ އަނބިދަރީން ބެލެހެއްޓޭ މީހަކަށްވުން ކަމަށެވެ.
އަދި އެމީހަކީ ސަރުކާރަށް ނުވަތަ އެހެންވެސް ކޮންމެވެސް ފަރާތަކަށް ބަރޯސާ ކޮށްގެން ނޫން ގޮތަކަށް އެމީހެއްގެ ހަޔާތް ރޭވެން ނެތް މީހަކަށް ވަނީނަމަ އެއީ "އިންސާނީ އުނިކަމެއް" ކަމަށާއި އެކަމުން ދިވެހިން ސަލާމަތްވުމަކީ އަދި ސަލާމަތްވެވޭނޭ އިންތިޒާމުތަކެއް ރޭވުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕަކީ ކޮންމެ އަހަރަކުވެސް މީގެފަހުން އޮކްސްފަޑް ޔުނިވަސިޓީގައި ކިޔެވުމަށް ދެވޭ ސްކޮލަޝިޕެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަން ވެސް ރައީސް ނަޝީދު މިއަދު އިއުލާން ކުރެއްވި އެވެ.
ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕާ ގުޅޭގޮތުން ގެންގުޅުއްވާ އާ ވިސްނުންފުޅު ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ސްކޮލަޝިޕަށް ރާއްޖެއިން ކުއްޖަކު ހޮވުމުގެ ކަންތައްތައް ގެންދާނީ ސީދާ އޮކްސްފަޑް ޔުނިވަސިޓީގެ ފަރާތުން ކަމަށާއި އެގޮތަށް އެކަން ގެންދިޔުމުން، އިންސާފާއެކު އެކަން ކުރެވި، ސީދާ އެންމެ ހައްގު ކުއްޖާއަށް ސްކޮލަޝިޕް ދިނުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މި ދަތުރުފުޅުގައި ރާއްޖެއަށް އިންވެސްޓްމަންޓްތައް ފަހިކުރުމަށްޓަކައި އެކިއެކި ބޭބޭފުޅުންނާއި ކުންފުނިތަކާއި އެކި ފަރާތްތަކާ މަޝްވަރާތައް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ ހުރަސްތަކާ އަދި ދިވެހިރާއްޖެ ތަރައްގީ ކުރުމަށް ދެން އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިއްޔެ ވަނީ އިނގިރޭސި ވަލީއަހުދު، ޕްރިންސް އޮފް ވޭލްސް، ޕްރިންސް ޗާލްސްއާ ބައްދަލު ކުރައްވާފަ އެވެ.
ޕްރިންސް ޗާލްސްގެ ރަސްމީ ގެކޮޅު ކްލަރެންސް ހައުސްގައި އޮތް މިބައްދަލުކުރެއްވުމުގައި މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވި ކޮޕް 15 ސަމިޓުގެ ފަހުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވާހަކަތައް ކުރިއަށް ގޮސްފައިވާގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕްރިންސް އޮފް ވޭލްސް ވާހަކަފުޅު ދެއްކެވިއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައަށާއި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުމުގެ މައްޗަށާއި ރާއްޖޭގެ މަސްވެރިކަމަށް ކުރަމުންދާ އަސަރުތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި ތިމާވެށްޓާ ރައްޓެހި އިއާދަކުރެވޭ ހަކަތައިގެ ބާވަތްތައް ރާއްޖެއަށް ތައާރަފް ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާބެހޭ މައުލޫމާތު ވެސް ޕްރިންސް ޗާލްސްއަށް ދެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މުޅި ދުނިޔެއިން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޕްރިންސް ޗާލްސް ވަނީ އިއާދަ ކުރެވޭ ހަކަތައިގެ ބާވަތްތައް ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ.
ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމާބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް ބައިނަލްއަގްވާމީ ތާއީދު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ޕްރިންސް ޗާލްސް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މާއައުލާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ޕްރިންސް ޗާލްސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވިއެވެ.
އިނގިރޭސި ހާރިޖީ ވަޒީރު ވިލިއަމް ހޭގާއި ކްލައިމެޓް ޗޭންޖް ވަޒީރު ކްރިސް ހޫންއާ ވެސް ރައީސް ނަޝީދު އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ