އެމްޑީޕީ ޖަލްސާގެ ވަކި ހިސާބަކުން މީޑިއާ ބޭރުކޮށްފި

ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ބައްދަލުވުމުގެ ވަކި ހިސާބަކުން، އަމިއްލަ ވާހަކަތަކެއް ދައްކަން ކަމަށް ބުނެ، މީޑިޔާގެ ހުރިހާ ފަރާތްތަކެއް އެ ބައްދަލުވުމުން ބޭރުކޮށްފި އެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވަކި ހިސާބަކުން ވިދާޅުވީ ބައްދަލުވުމުގެ ބާކީ އޮތް ބަޔަކީ މީޑިޔާ އަށް ހުޅުވާލައިފާ ބައެއް ނޫން ކަމަށެވެ. އޭރު ޖަލްސާގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް އޭގެ ފަހުން ރައީސް އޮފީހުގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފާއި މޫސަ ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެވެ. މޫސަ އޭގެ ކުރިން ވެސް ވާހަކަ ދެއްކެވި އެވެ. އަދި އެމްޑީޕީގެ "އަމިއްލަ ވާހަކަތައް" ކަމަށް ފާހަގަކުރެވޭ އެއްވެސް ވާހަކައެއް އޭގެ ފަހުން ދައްކާފައެއް ނުވެ އެވެ.
އެ ބައްދަލުވުމުން މީޑިޔާގެ ފަރާތްތައް ނުކުތުމަށް މޫސަ އެންގެވުމުން ހުރިހާ ނޫސްވެރިންނާއި ކެމެރާމަނުން ވެސް ހަރުގެ އިން ނުކުތެވެ. އަދި އެ ވަގުތު ހަރުގޭގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ދިޔައީ ދިޓީވީ އާއި އެހެން މީޑިޔާތަކާ ދިމާލަށް އެއްޗެހި ގޮވަމުންނެވެ.
"މީޑިޔާތައް މި ތަނުން ވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން އަޅުގަނޑުމެންގެ ކޮންގްރެސްއާ ބެހޭ އަދި ބައެއް އަމިއްލަ ޕާޓީގެ ކަންތައްތައް ހުރުމާ އެކީގައި ދެން މި ޖަލްސާ އަޅުގަނޑުމެން ތަންކޮޅެއް މީޑިޔާއާ ނުލައި ކުރިއަށް ގެންދާނެ ވާހަކަ ވަރަށް އިހްތިރާމާ އެކު ދަންނަވަން. މިތާނގައި (ޕޯޑިއަމްގައި) ވެސް އެބަހުރި ބައެއް މައިކުތަކާ އެއްޗެހި އެހެންވީމަ ނަންގަވާ،" މޫސަ ވިދާޅުވި އެވެ.
ބައްދަލުވުމުގެ ވަކި ހިސާބަކުން މީޑިޔާ ބޭރުކުރުމުގެ ކުރިން މޫސަ ވަނީ މީޑިޔާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދިޓީވީ އަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ އޭނާއާ ބެހޭ ހަބަރެއް ދިޓީވީން ގެނެސްދީފައި ވަނީ އިންސާފުން ނޫން ކަމަށެވެ. އަދި އެފަދަ މީޑިޔާތަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިޔާ ބޭރުކުރުމަށް ފަހު ވާހަކަ ދައްކަވަމުން ހަސަން އަފީފު ވެސް މީޑިޔާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ޑީއާރުޕީ ޖަލްސާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އޮޅުވާލައިގެން ބައެއް މީޑިޔާތަކުން ހަބަރު ފަތުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ