އިންކުއަރީ ކޮމިޝަނުގެ ރިޕޯޓްގައި މިހާރުގެ ސަރުކާރަކީ ބަޣާވަތަކުން އައި ސަރުކާރެއްކަމަށް ދޭހަވަ އެއްވެސް އިބާރާތެއް އޮތް ނަމަ އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ފެބުރުއަރީ ހަތެއްގެ ހާދިސާގެ ތަހުގީގު ކުރާ ނޭޝަނަލް އިންކުއަރީ ކޮމިޝަން(ކޯނީ) ރިޕޯޓްގައި މިހާރުގެ ސަރުކާރަކީ ބަޣާވަތަކުން އައި ސަރުކާރެއް ކަމަށް ދޭހަވާ އެއްވެސް އިބާރާތެއް އޮތް ނަމަ އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނެ ކަމަށާއި ކޯނީން ނެރޭ ރިޕޯޓަކީ ހުކުމެއް ކަމަށް ހެދުމަށް އެމްޑީޕީން މަސައްކަތްކުރި ނަމަވެސް ހުކުމެއް ކުރުމުގެ ބާރު ހަމައެކަނި ލިބިގެން ވަނީ ކޯޓްތަކަށް އެކަނި ކަމަށެވެ.
"ކޯނީން ނިންމާ ނިންމުމުގައި އެއްވެސް ވާހަކެއް އޮޅުން އަރާ ގޮތަށް އޮތުން ނޫނީ ބަޣާވަތެއް ކަމަށް ދޭހަވާ ގޮތަށް އޮތުން ނުވަތަ ބަޣާވާތެއް ކަމަށް ބުނެފައި އޮތުން ނުވަތަ ހަތެއް ފެބުރުއަރީގައި ހިނގާދިޔަ ކަމަކީ ޣައިރު ގާނޫނީ ކަމެއްކަމަށް ދޭހަވަ ގޮތަށް އޮތް ނަމަ [އެކަމެއް ބެލުމަށް] އަޅުގަނޑުމެން އެ މައްސަލަ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ހަތެއް ފެބުރުއަރީގެ ހާދިސާގެ މައްސަލާގައި ސުޕްރީމް ކޯޓު ފިޔަވައި ގާނޫނީ ގޮތުން އެއްވެސް ނިންމުމެއް އެއްވެސް ފަރާތަކަށް ނިންމުމުގެ ބާރުލިބިގެންވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުމެއް ނިންމޭނީ ހަމަ އެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ.
"ކޯނީން ކޮންމެ ގޮތަކަށް [ރިޕޯޓް] ނިންމި އަސް އެ ނިންމުން އެއިކީ ހުކުމަކަށް ނުވެއް ވާނެ. އެ ވާނީ އެމީހުންގެ ނަޒަރުގައި އެމީހުން ނެރޭ އޮޕީނިއަންއަކަށް އެހެންވީމާ އެއަކަށް ބަރޯސާއެއް ނުކުރެވޭނެ، ގައުމެއްގެ ވެރިކަމާ ބެހޭ އެއްވެސް ކަމެއްގައެއް. ރާއްޖޭގައި މިފަދަ ހުކުމްތައް ނެރުމުގެ ގާނޫނީ ބާރު ލިބިގެންވާ ފަރާތަކީ ސުޕްރީމް ކޯޓް،" އުމަރު ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓުގައި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފި ނަމަ ވެރިކަން އެމްޑީޕީ އަށް އަނބުރާ އިޔާދަ ކުރަން ޖެހޭނެ ކަމަށް އެޕާޓީން ބުނެފައިވާ ވާހަކަތަކަށް ރައްދުދެއްވައި އުމަރު ވިދާޅުވީ ކޯނީގެ ރިޕޯޓް ކޮންމެ ގޮތަކަށް އައި ނަމަވެސް އަލުން އަނބުރާ ވެރިކަން ދިނުމަށް އެމްޑީޕީން ބުނާ ބުނުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ފުށު އަރާ ވާހަކަތަކެއް ކަމަށާއި އެފަދަ ގޮތަކަށް ވިދާޅުވާ ވިދާޅުވުމަކީ އެމްޑީޕީގައި ތިއްބެވި ބޭފުޅުންނަށް ގާނޫނު އަސާސީ އެނގިވަޑައި ނުގަންނަވާ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ.
"އަޅުގަނޑު ހައިރާންވާ ކަމަކީ މަޖިލިސް އެތައް މެންބަރުން ހިމެނޭ ޕާޓީއަކުން އެމީހުންގެ ގައުމީ މަޖިލިސް ތެރޭގައި ވެރިކަން އަލުން އިޔާދަކޮށްދެން ޖެހޭނެ ކަމަށް ނިންމިކަން. ވެރިކަން އަލުން އިއާދަކުރެވޭނެ އެއްވެސް ގޮތެއް ނުއެއް އޮންނާނެ. އެފަދަ ގަރާރަކަށް ވޯޓްދީ ނިންމި ނިންމުން އެއީ ވަރަށް ހައިރާންވާ ކަމެއް އަދި އެމްޑީޕީގައި ތިއްބެވި ބޭފުޅުންނަށް ގާނޫނު އަސާސީ އެނގިވަޑައި ނުގަންނަވާ ކަމުގެ ވަރަށް ބޮޑު ހެއްކެއް އެއީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމްޑީޕީން ކިތައްމެ ވަރަކަށް ހަތެއް ފެބުރުއަރީ ބަޣާވާތަކަށް ހަދަން މަސައްކަތް ކުރި ނަމަވެސް ހަތެއް ފެބުރުއަރީ އަކީ ދިވެހިންގެ އެންމެންގެ ލޯތަކުގެ ކުރިމަތީގައި ހިނގާ ދިޔަ ހާދިސާއެއް ކަމުން އެ ހާދިސާއަކީ ބަޣާވާތެއް ކަމަށް ކޯނީގެ ރިޕޯޓްގައި ނުބުނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އޮތް ކަމަށެވެ.
ކޯނީގެ ރިޕޯޓްގައި ބަޣާވާތެއް ކަމަށް ދޭހަވާ އިބާރާތެއް އޮތަސް ސުޕްރީމް ކޯޓަށް ދާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ