ވެރިކަމަށް ވަޑައިގަތުމަށް މައުމޫން ގެންދަވަނީ ދުވަސްތައް ގުނުއްވަމުން: އަލީ ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާ ވެސް ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ދުވަސްތައް ގުނުއްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު، ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭގެ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކުރިން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި، އަދި ނިމިގެން ދިޔަ ރިޔާސީ ކެމްޕޭންގައި މައުމޫންގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ވަހީދު ވިދާޅުވީ، ވެރިކަން ކުރެއްވޭނީ ވަކި ދުވަސްތަކެއް ވަންދެން ކަމަށެވެ.
"އަޅުގަނޑު މައުމޫނަށް ދަންނަވާލަން އޮތީ، މައުމޫނު އަޑިއަށް ހިނގައްޖޭ. ބޮކިޖަހާފައި މައްޗަށް އެރީ އަޅުގަނޑާއި ޒުވާނުންތަކެކޭ،" އަލީ ވަހީދު ވިދާޅުވި އެވެ.ސަރުކާރުން އަމަލުކުރަމުން އަންނަ އިސްލާމް ދީނުގެ މެދުމިނުގެ ސިޔާސަތު ފުރިހަމަ އަށް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި 2013 ގައި ރައްޔިތުން ވޯޓު ދޭނީ ވެސް މެދުމިނުގެ ސިޔާސަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ "ތިހެނެއް ނުކިއޭނެ" ކެމްޕޭން ޖަލްސާގައި އަލީ ވަހީދު ވަނީ މުޒާހަރާ އަށް މަގުމައްޗަށް ނުކުމެގެން ނުވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް އިންޒާރު ދެއްވައިފަ އެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް ނުކުމެއްޖެ ނަމަ، ބޮލަކަށް ބޮލެއް" އެމްޑީޕީން ވެސް ނުކުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 23 ޑިސެމްބަރުގައި އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި ބަޔަކު ނުކުތީ ހެޔޮ ނިޔަތުގައި" ކަމަށް ހީކޮށްގެން ތިއްބައި ކަންތައްވެގެން ދިޔައީ ފަހުމްކުރި ގޮތާ ހިލާފަށެވެ. އެ މުޒާހަރާގައި މޮނިއުމަންޓްތައް ނެގުމަށް ގޮވާލާފައިވާއިރު
ނަގަން ޖެހޭ މޮނިއުމަންޓްތަކެއް ރާއްޖޭގެ ޑިމޮކްރެޓިކް ވެށީގައި ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ އެއާމޯލްޑިވްސް އާއި ވެރިކަމާ ގުޅިފައި ހުރި މޮނިއުމަންޓްތަކެއް ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޔަކު ކިތަންމެ ދެކޮޅު ހެދިއަސް މި ސަރުކާރަކީ މެދު މިނުގެ އުސޫލު ގެންގުޅޭ ސަރުކާރެއްކަމަށް ރައްޔިތުން ވަނީ ބަލައިގެންފަ އެވެ. އެކަން ސާބިތުވެގެން ދަނީ ނިމިގެން ދިޔަ ތިން ބައި އިލެކްޝަނުން ކަމަށާއި ތިން އިލެކްޝަނުގައި ވެސް ރައީސް މުހައްމަދު ނަޝީދު ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ