ގާސިމަށް އިންޒާރު ދީ ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ގުޅައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރު ދިން ކަމަށް ބުނާ ކަމްލާގް ނަމަކަށް ކިޔާ މީހެއްގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކުރީ އެ މައްސަލައިގައި ޖިނާއީ ކޯޓުން މ. ސުންދުރަ ކަމްލާގްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ ކުރުމުން އެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
މި މައްސަލައިގައި ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ ގާނޫނެއްގައި ނުވަތަ އިސްލާމީ ޝަރީއަތުގައި އެކަމަކީ މަނާކަމެއްގެ ގޮތުގައި ބެލެވޭ ކޮންމެ ކަމަކީ ކުށެއް ކަމަށެވެ. އަދި ވަކި އަމަލެއް ނުވަތަ ވަކި ކަމެއް ކުށެއް ކަމުގައި ކަނޑައެޅެނީ ހަމައެކަނި ގާނޫނަކުން ނުވަތަ ގަވާއިދަކުން ނޫން ކަން ގާނޫނު އަސާސީގެ 59 މާއްދާގެ ހ. އިން އެނގެން އޮންނަ ކަމަށެވެ.
މީގެ އިތުރުން ހައްގަކާނުލައި މީސްމީހުންނަށް ބިރުދެއްކުމާއި ގެއްލުން ދޭނެ ކަމުގެ އިންޒާރު ދިނުމަކީ އިސްލާމީ ޝަރީއަތުގައި މަނާކަމެއްގެ ގޮތުގައި އެނގެން އޮންނަ ކަމަށާއި ޝަރުއީ އަދި ގާނޫނީ އަމުރުތަކަށް ނުކިޔަމަންތެރި ވުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ )ހ( ގައި ކަނޑައެޅި ބަޔާންވެގެންވާ ކަމަށެވެ.
އެހެން ކަމުން ޖިނާއީ ކޯޓުން އެ ދައުވާ ސާބިތުނުވާ ކަމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ދައުލަތުގެ ފަރާތުން ހުށަހަޅައިފި ނަމަ އެ މައްސަލައިގައި ހުށަހެޅޭ ހެއްކާއި ގަރީނާތަކުގެ އަލީގައި އެ މައްސަލަ އަލުން ބަލައި މައްސަލައިގައި ފައިސަލާކުރުވަނިވި ހުކުމެއް ކުރަން ޖެހޭ މައްސަލައެއް ކަމަށް ހުކުމްކުރާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 30: 12 އިން ފެށިގެން އެކިފަހަރު މަތިން ގާސިމްގެ ފޯނަށް ގުޅައި މެސެޖްކޮށް ގާސިމާ ދިމާއަށް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ގާސިމާއި ގާސިމްގެ އަނބިންނަށް ތަފާތު އަނިޔާކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގަ އެވެ.
ހައި ކޯޓުން މި މައްސަލަ ބައްލަވާފައިވަނީ އިސް ފަނޑިޔާރު އަހްމަދު ޝަރީފާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ