ލަންކާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދެވުމަށް ރާޖަޕަކްސަ އާއި ރަނިލް އަތުކުރި އޮޅާލައްވައިފައި

ކޮލަމްބޯ އިން މުހައްމަދު ޝަހީބު
ސްރީ ލަންކާގައި އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެގެން އަންނައިރު ކުރިހޯއްދެވުމަށް ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަސިންހަ އެންމެ ފަހުގެ ކެމްޕޭން ފައްޓަވައިފި އެވެ.
މިހާރުގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރާތުންގާގެ ދެ ދައުރު ހަމަވުމާ ގުޅިގެން، ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އެންމެ ބޮޑަށް ވާދަކުރައްވަނީ ޗަންދްރިކާގެ އެސް.އެލް.އެފް.ޕީ ޕާޓީ ތަމްސީލް ކުރައްވާ ރާޖަ ޕަކްސަ އާއި ޔޫ.އެން.ޕީ ތަމްސީލް ކުރައްވާ ކުރީގެ ބޮޑު ވަޒީރު ރަނިލް އެވެ.
ތާއީދު ހޯދުމަށް މިހާތަނަށް ނެގުނު ވޯޓުގައި ކުރީގައި އުޅުއްވަނީ ރަނިލް އެވެ.
ލަންކާގެ ބައެއް މީހުން ބުނާ ގޮތުގައި އެ މީހުންގެ ރައީސްގެ މަގާމަށް ބޭނުންވަނީ ރާޖަޕަކްސަ އެވެ. ސަބަބަކީ އޭނާ އަކީ އާދައިގެ އާއިލާއަކުން ވަޑައިގެން، ރަށްފުށުގެ ފަގީރުންނާ ދޭތެރޭ ސަމާލުކަން ދެއްވާ ބޭފުޅަކަށް ވާތީ އެވެ. އަނެއް ބަޔަކު ބުނަނީ ރަނިލް ގުޅިފައި ވަނި މުއްސަނދި ވިޔަފާރިވެރިންނާ ކަމަށާއި ގައުމުގެ އެންމެ
ބާރުގަދަ މަގާމަށް ރަނިލް ވަޑައިގެންފި ނަމަ އެ ކަމުގެ ފައިދާ ބޮޑުވާނީ ވިޔަފާރިވެރިންނަށް ކަމަށެވެ.
ކެމްޕޭނުތަކުގައި ދެ ބޭފުޅުން ވެސް ބޮޑަށް ބައްލަވަނީ ދާހިލީ ހަނގުރާމަ ހުއްޓުމަކަށް ގެނެސް، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ވައުދުތަކަށެވެ. އެއް ބަޔަކު ބުނަނީ ވަކިވެގަތުމަށް އުޅޭ ޓައިގަރު ޖަމާއަތާ އަކު ސުލްހައިގެ މަގަކުން ދަތުރުކުރެވޭނީ ހަމަ އެކަނި ރަނިލް އަށް ކަމަށެވެ. ކުރިން ވެސް އޭނާ ވަނީ
އެކަން ކާމިޔާބު ކުރައްވައިފައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލާން ފަސް ދުވަހަށް ކައިރިވެފައި ވީ ނަމަވެސް، ކޮޅުނބުގެ މަގުތައް މަތީގައި، ކެމްޕޭނުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ. ބޮޑެތި ޕޯސްޓަރުތަކާއި ފޮޓޯތައް އެއްގޮތަކަށް ވެސް ނުފެނެ އެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ގެންދަވަނީ އެކިއެކި ސަރަހައްދުތަކަށް ވަޑައިގެން ބައްދަލުވުންތަކުގައި ވާހަކަ ދައްކަވައި، ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އަދި ނޫސްތަކުގައި ވެސް އެ ކެމްޕޭނު ކުރިއަށް ގެންދަވަ އެވެ.
ގައުމުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ރާޖަޕަކްސަ އާއި ދެ ބޭފުޅުންގެ ލައިވް ޑިބޭޓަކަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެކިއެކި މައްސަލަތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ޗެލެންޖްކުރައްވާ ގޮން ޖައްސަވަމުން ގެންދާ މި ދެ ލީޑަރުންގެ ތެރެއިން ބޮޑު ވަޒީރު ރާޖަޕަކްސަ ބޭނުންފުޅު ވަނީ އެ ޑިބޭޓް ހާމަ ތަނެއްގައި، ވީހާ ގިނަ ބަޔަކަށް ފެންނާނެ ގޮތަކަށް ބޭއްވުމަށެވެ. ނަމަވެސް ރަނިލް ބޭނުންފުޅުވަނީ ޓީވީ
ސްޓޫޑިއޯއެއްގައި ބޭއްވުމަށެވެ. މި ޑިބޭޓް ބާއްވާނެ ދުވަހަކާއި ތަނެއް މިއަދުގެ ވަގުތެއްގައި އިއުލާންކުރާނެ އެވެ.
މަހިންދަ އާއި ރަނިލް ރައީސްކަމުގެ ގޮނޑި އަށް ކެމްޕޭން ކުރައްވާއިރު، ރައީސާ ޗަންދްރިކާ މިއަދު ފާހަގަކުރައްވަނީ ރައީސް ކަމުގައި އޭނާ 11 އަހަރު ހަމަކުރެއްވުމުގެ މުނާސަބަތެވެ. ސަރުކާރު ނޫސްތަކުގައި ވަނީ ކުލަ ސަޕްލިމެންޓްތައް ނެރެފަ އެވެ. އެކަމަނާ މިހާރު ހުންނެވީ ސާކު ސަމިޓުގައި ބައިވެރިވަވަޑައިގަތުމަށް ބަންގްލަދޭޝްގަ އެވެ. އެއީ ލަންކާގެ ރައީސްގެ ހައިސިއްޔަތުން އެ ކަމަނާގެ އެންމެ ފަހު ފެނިލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ