ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ބަންޑާރަ ނާއިބު ފާތުމަތު ދިޔާނާ ސައީދު ފޮނުއްވި މައްސަލަ އަނބުރާ ނުގެންނަވައިފި ނަމަ މަގާމުން ވަކިކުރައްވާނެ ކަމުގެ އިންޒާރު ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެއްވާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން އިއްޔެ ބުނެފި އެވެ.
ބަންޑާރަ ނާއިބު ދެއްވަމުން ގެންދަވާ ލަފާތަކާ މެދު ހިތްހަމަނުޖެހިގެން ރައީސް އޮފީހުން އިއްޔެ އާންމުކުރި ނޫސްބަޔާނަށް ރައްދު ދިނުމުގެ ގޮތުން ބަންޑާރަ ނާއިބު އޮފީހުން ރޭ އިރާކޮޅު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް އޮފީހުން ނޫސްބަޔާން ނެރުނީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގެން ބަންޑާރަ ނާއިބު ފޮނުއްވި މައްސަލަ އަނބުރާ ނުގެންނެވުމުން ކަމަށް ފެންނަ ކަމަށެވެ. އަދި އެގޮތަށް ރައީސް އޮފީހުން އަމަލުކުރުމަކީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގެ (ޅ) ހިލާފަށް ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނުފޫޒު ފޯރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށް ވެސް ބަންޑާރަ ނާއިބުގެ އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގެން ބަންޑާރަ ނާއިބު މިދިޔަ ބުރާސްފަތި ދުވަހު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައިވާ ކޮންމެ އިދާރީ ދާއިރާއެއްގައި ނުވަތަ ކޮންމެ އަތޮޅެއްގައި އަތޮޅު ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ފެންނާތީ އާއި އަތޮޅު ކައުންސިލެއްގެ މައްޗަށް ގާއިމުކުރެވޭ ރީޖަނަލް ކައުންސިލެއް އުފެއްދުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫން ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ޕްރޮވިންސްތަކަށް ބެހިދާނެތޯ އާއި ކޮންމެ ޕްރޮވިންސެއްގައި ސަރަހައްދީ ކައުންސިލެއް ހެދުމަކީ ގާނޫނު އަސާސީގައި ބުނާ އަތޮޅު ކައުންސިލް ކަމަށް ބެލެވިދާނެތޯ އުފެދޭ ސުވާލަށް ސުޕްރީމް ކޯޓުގެ ލަފާފުޅެއް ދެއްވުމަށް ބަންޑާރަ ނައިބު، ވަނީ އުއްތަމަ ފަނޑިޔާރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރުގެ ލަފައަކަށް ބަންޑާރަ ނާއިބު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ މެދު ގާނޫނީ ލަފާއަރުވަނީ ބަންޑާރަ ނާއިބު ކަމަށް ވާތީ، އެ މަރުހަލާ އަށް ދިއުމުގެ ކުރިން އެ މުހިންމު ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ބަހެއް ލިބެން އޮތް ނަމަ އެ ބަހެއް ހޯދުމަކީ ގާނޫނީ ގޮތުން ރައްކާތެރި ކަމެއް ކަމުގައި ބެލެވިގެން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ހަބަރުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ހަތަރު ލަފަ އަކީ ވެސް އޮފީހުގެ ދެން ތިބި މުވައްޒަފުންނާ ހިއްސާކޮށްގެން ނެރެފައިވާ ލަފާ ނޫން ކަމާއި، އެ މަސައްކަތް ކޮށްފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އެހެން މުވައްޒަފުން ބައިވެރި ނުކޮށް ބަންޑާރަ ނާއިބު އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެއްލެވި ބެއްލެވުމުގައި އެނގިވަޑައިގެންފައިވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެކަން ސާފުކުރުމުގެ ގޮތުން މި އޮފީހުގެ ވަކީލުންނާ ވަކިވަކިން ސުވާލުކޮށް މި އޮފީހުން ބެލިބެލުމުގައި އެފަދަ މައުލޫމާތެއް މި އޮފީހުގެ އެއްވެސް ވަކީލަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެއްވާފައި ނުވާ ކަމަށް މި އޮފީހުގެ ވަކީލުން ކަށަވަރު ކޮށްދެއްވާފައިވެ އެވެ،" ބަންޑާރަ ނާއިބު އޮފީހުގެ ނޫސްބަޔާނުގައިވެ އެވެ.
އެ ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ށ) އާއި 113 ވަނަ މާއްދާގެ (ބ) ގައި ވާ ގޮތުގެ މަތިން ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތުތައް އަދާކުރުމަކީ ބަންޑާރަ ނާއިބަށް ކަނޑައަޅާފައިވާ ހާއްސަ އިހުތިސާސެއް ކަމަށެވެ. އަދި ވަކި މައްސަލައަކާ ގުޅޭ ގޮތުން ލަފައެއް އެރުވުމުގައި ބަންޑާރަ ނާއިބު އޮފީހުގެ ވަކީލުންނާ ނުވަތަ ވަކީލަކާ މަޝްވަރާ ކުރެއްވުމަށް ބަންޑާރަ ނާއިބުގެ މައްޗަށް ލާޒިމް ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެންމެހައި ވަކީލުންނާ ނުވަތަ ބައެއް ވަކީލުންނާ ނުވަތަ ވަކީލަކާ މަޝްވަރާ ކުރެއްވުމަކީ ބަންޑާރަ ނާއިބުގެ އަމިއްލަ އިހުތިޔާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
"ކަން އެހެން އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވާފައިވާ ނަމްބަރު 309- 2009 ހަބަރުގައި އިޝާރާތް ކުރައްވާފައިވާ ކަމަށް ފެންނަ ހަތަރު ލަފަ އަކީ ވެސް މި އޮފީހުގެ ގާނޫނީ ވަކީލުންގެ ތެރެއިން އެ މައްސަލަތައް ހަވާލު ކުރެވުނު ވަކީލުންގެ މަޝްވަރާއާ އެކު ނުވަތަ އެ ވަކީލުންގެ ބައިވެރިވުމާ އެކު އެކުލަވާލާފައިވާ ލަފާ ކަމުގައި ދަންނަވަމެވެ،" ބަންޑާރަ ނާއިބުގެ ނޫސްބަޔާނުގައިވެ އެވެ.
ބަންޑާރަ ނާއިބު އެންމެ ފަހުން ދެއްވި ލަފާތަކުގެ ތެރޭގައި ހިމެނެނީ އާންމު އިންތިހާބަށް ސަރުކާރުގެ ސިޔާސީ ބައެއް ވެރިންގެ ނުފޫޒު ފޯރުވުން ހުއްޓުމަށް ރައީސަށް އަރުވާފައިވާ ލަފަ އާއި ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ވީހާ އަވަހަކަށް ބޭފުޅަކު ކަނޑައެޅުއްވުމުގެ ލަފަ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ މާލޭ މެމްބަރު މުހައްމަދު ޝިހާބަށް ނުހުންނެވޭނެ ކަމާއި އިދާރީ ދާއިރާތަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައަށް އެދިވަޑައިގެންނެވުމެވެ.
މީގެ ތެރެއިން އާންމު އިންތިހާބަށް ސަރުކާރުގެ ސިޔާސީ ވެރިން ނުފޫޒު ފޯރުވުން ހުއްޓުވައި ދެއްވުމަށް ބަންޑާރަ ނާއިބު ދެއްވި ގާނޫނީ ލަފައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ލަފަ އަކީ ބަންޑާރަ ނާއިބުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ.
"ބައެއް ބޭފުޅުންގެ ފިރިކަލުން ]އިންތިހާބަށް[ ކުރިމަތިލައްވާ" ކަމަށާއި "އަނެއް ބޭފުޅުންގެ ވަރަށް ގާތް ބޭފުޅުން ވެސް ]އިންތިހާބަށް[ ކުރިމަތިލައްވާ،" މި މަހުގެ 12 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ބަންޑާރަ ނާއިބުގެ ފިރިކަލުން އަބްދުﷲ ޖާބިރު މިހާރު ގެންދަވަނީ ގއ. ވިލިނގިލީ ދާއިރާގެ ގޮނޑި އަށް ކެމްޕޭން ކުރައްވަމުންނެވެ.
ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ހުށަހެޅި މައްސަލަ އަނބުރާ ނުގެނެސްފި ނަމަ މަގާމުން ވަކިކުރައްވާނެ ކަމުގެ އިންޒާރު ރައީސް ދެއްވާފައިވޭ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ