ފަހުގެ ހަބަރު: ރަށްކުރިއަރުވާ ކޮމިޓީން ފައިސާ ދޭގޮތަށް އެއްބަސްވުމުން ދިއްދޫ މަސްވެރިން އެނބުރި ގެއަށް ހިނގައްޖެ

05: 00
މުހައްމަދު ޝަހީބު
ހއ. ދިއްދޫގެ މަސްވެރިން މިއަދު ބޭނި މަސްތައް ބޯޓަށް ނުކިރިގެންނޭ ބުނެ އަތޮޅު އޮފީހަށާއި އަތޮޅުގެއަށާއި ރަށު އޮފީސްތެރެއަށް އިއްޔެ ހެނދުނު އަޅާލި ފަސް ދޯނީގެ މަހަށް ރަށްކުރިއަރުވާ ކޮމިޓީން ފައިސާ ދޭގޮތަށް އެއްބަސްވުމުން ދިއްދޫ މަސްވެރިން އެނބުރި ގެއަށް ހިނގައްޖެ އެވެ.
ދިއްދޫގައި ހުންނަ ހަވީރުގެ ކޮރެސްޕޮންޑެންޓު ދެންމެ ކަށަވަރުކޮށްދިން ގޮތުގައި، ފަސް ދޯނިން ބޭނި 32 ޓަނުގެ މަހަށްވާ 125،400ރ. މާދަމާ މަސްވެރިންނާ ހަވާލުކޮށްދޭނެ ކަމަށް ރ.ކ. ކޮމިޓީން ފާސްކުރި ކަމަށް މަސްވެރިންނާ ބައްދަލުކުރައްވައި އަތޮޅުވެރިޔާ މުހައްމަދު ރަޝީދު ދާދި ދެންމެއަކު ވަނީ ވިދާޅުވެފަ އެވެ.
ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭރުގައި، ދިއްދޫގެ ހުރިހާ މަސްވެރިންނާ ބައްދަލުކުރައްވައި އަތޮޅުވެރިޔާ ވިދާޅުވީ، އެ ފައިސާ ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކާ ގުޅުއްވައިގެން، ރ.ކ ކޮމިޓީއަށް އަލުން އަނބުރާ ހޯއްދަވައިދެއްވަން އޭނާ މަސައްކަތްކުރައްވާނެ ކަމަށެވެ.
ފަސް ދޯނިން ބޭނި މަސް، އަތޮޅު އޮފީހަށާއި އަތޮޅުގެއަށާއި ރަށު އޮފީސްތެރެއަށް އަޅާލީ މަސް ކިރާނެ ބޯޓެއް ނެތިގެން ކަމަށް ބުނެ އެވެ. ނަމަވެސް، މިފްކޯ އިން ބުނެފައި ވަނީ ދޮޅު ގަޑިއިރުން ދުއްވާފައި ދެވޭ އިހަވަންދޫ ކައިރީގައި މަސް ކިރާ ބޯޓެއް އޮތް ކަމަށާއި އޭގައި ހުސް ޖާގަ ވެސް އޮތް ކަމަށެވެ. ނަމަވެސް ދިއްދޫ ކެޔޮޅުން ބުނަނީ މިފްކޯ ބޯޓު އިހަވަންދޫ ކައިރިއަށް ދިޔައީ މަސް ނުކިރިގެން ދިއްދު އަށް އައިސް، އޮފީސްތަކުގެ ތެރެއަށް މަސްތައް އަޅާލި ފަހުން ކަމަށެވެ. އަދި މަސްވެރިން ބޯޓާ ގުޅުމުން، ބޯޓަށް މަސް ނުކިރޭނެ ކަމަށް ބޯޓުން ބުނި ކަމަށް ވެސް ކެޔޮޅުން ބުނެ އެވެ.
މަސްތައް އުކާލުމަށްފަހު ދިއްދޫ މަސްވެރިން ޑިއުޓީ ބަހައިގެން ގިނައިރު ތިބީ އަތޮޅު އޮފީސް ކައިރީގަ އެވެ. އެ މީހުން ޑިމާންޑްކުރަމުން ދިޔައީ 32 ޓަނުގެ މަހަށްވާ ފައިސާ ދިނުމަށެވެ. އެހެންވެ އެ މީހުންނާ ވާހަކަ ދައްކަވައިގެން، ސުލްހައިގައި މައްސަލަ ހައްލުކުރެއްވުމަށް އަތޮޅުވެރިން ވަރަށް މަސައްކަތް ކުރެއްވިކަން ފާހަގަވި އެވެ. އަތޮޅު އޮފީސް ކައިރީގައި މަސްވެރިން ތިބި ގިނައިރު، އެ މީހުންގެ ތެރޭގައި އަތޮޅުވެރިޔާ ވެސް ހުންނެވި އެވެ.
މަސްވެރިންގެ މި އަމަލާ ގުޅިގެން، ރަށުތެރޭގައި ހަމަނުޖެހުމެއް އުފެދިދާނެތީ، ފުލުހުންގެ ޓީމެއް ވައިގެ މަގުން މިރޭ ހދ. ހަނިމާދު އަށް ގޮސް، ދިއްދު އަށް ދާ ހަބަރު ލިބުމާ ގުޅިގެން، ރަށުގެ ވަރަށް ގިނަ ބަޔަކު މިރޭ އަތިރިމައްޗަށް ނުކުމެ، އެ މީހުން ރަށަށް އެރިޔަ ނުދިނުމަށް ތިއްބެވެ. ރައްޔިތުން ބުނަމުން ދިޔައީ ރަށުގައި ހަމަނުޖެހުމެއް ނުހިނގަނީސް ރަށަށް ފުލުހުންނާއި ސިފައިން އަރައިގެން ނުވާނެ ކަމަށެވެ.
މަސްވެރިންނާ ބައްދަލުކުރައްވައި އަތޮޅުވެރިން ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ އެއްވެސް ބަޔަކު މިރޭ ދިއްދު އަށް ނާރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އޭނާ މަސައްކަތްކުރައްވާނީ، އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކޮށް މައްސަލަ ނިންމަވާލެއްވޭތޯ ކަމަށެވެ. އަދި އެއްވެސް މީހަކު މިރޭ އެއްވެސް އޮފީހަކަށް ހާޒިރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަތޮޅުވެރިޔާ ދެއްވި އެވެ. އަތިރިމަތީގައި ތިބި މަސްވެރިންނާއި އެހެނިހެން ރައްޔިތުން އެނބުރި އެއްގަމަށް ދިޔައީ، ހަނިމާދޫން ދިއްދު އަށް ދަތުރުކުރަމުން ދިޔަ ފުލުހުންގެ ޓީމުގެ މިސްރާބު ކުޅުދުއްފުއްޓަށް ބަދަލުކުރުމުންނެވެ.
ދެ އޮފީހުގެ މޭޒުތަކަށާއި ގޮނޑިތައް މައްޗަށް މަސްތައް އަޅާޅާފައި ހުންނަތާ 12 ގަޑިއިރަށްވުރެ ގިނަވުމުގެ ސަބަބުން، މަސްތައް ކުނިވެ މުޅި އެ ހިސާބުގެ މާހައުލު ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފަ އެވެ. އޮފީސްތައް ސާފުކޮށްދޭން، ހިލޭސާބަހަށް ނުކުންނަން ތިބި މީހުންގެ އެހީ އަށް ވެސް އަތޮޅުވެރިން ގޮވާލެއްވި އެވެ. އަދި ފައިސާ ދޭ ގޮތަށް އެކަން ކޮށްދޭން ތިބި މީހުންނަށް ވެސް އަތޮޅުވެރިޔާ ފުރުސަތު ހުޅުވާލެއްވި އެވެ. ނަމަވެސް އެ ތަންތަން ސާފުކުރުމުގެ މަސައްކަތެއް އަދި ނުފަށަ އެވެ.
"ދޯނިފަހަރު މިހާރު ތައްޔާރުވަނީ މަހަށް ދާން ފުރަން. އެއް ދޯނި މީހުން މިހާރު ފުރަން އެބަދޭ،" ހަވީރުގެ ކޮރެސްޕޮންޑެންޓު ބުންޏެވެ. "އަތޮޅުވެރިޔާ ވިދާޅުވީ މާދަމާ ބާނާ މަސް ކިރޭނެ ކަމަށް."
(އިތުރު ފޮޓޯތައް ފޮޓޯ ގެލަރީގައި)
12 ފެބްރުއަރީ 2006
00: 12
ދިއްދޫ މަސްވެރިން ބޭނި މަސްތައް އަތޮޅު އޮފީސްތެރެއަށާއި އަތޮޅުގެއަށާއި ދިއްދޫ އޮފީސްތެރެއަށް އަޅާލައިފި
ހުސެއިން ފިޔާޒު މޫސާ
ހއ. ދިއްދޫގެ މަސްވެރިން މިއަދު ބޭނި މަސްތައް ބޯޓަށް ނުކިރިގެން ގިނަ އަދަދެއްގެ މަސް އަތޮޅު އޮފީހަށާއި އަތޮޅުގެއަށާއި ރަށު އޮފީސްތެރެއަށް އުކާލައިފި އެވެ.
މަސް ނުކިރޭ މައްސަލައާ ގުޅިގެން ރަށުގެ މަސްވެރިންނާއި ބައެއް ރައްޔިތުން އަތޮޅު އޮފީސް ދޮށަށް އެއްވެ މަސްނުކިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށާއި އުކާލި މަސްތަކުގެ ބަދަލު ހޯދުމަށް އެދެމުންދާ ކަމަށް ދިއްދޫގައި ހުންނަ ހަވީރުގެ ކޮރެސްޕޮންޑެންޓް ބުންޏެވެ.
ހއ. އަތޮޅުގެ އަތޮޅުވެރިޔާ މުހައްމަދު ރަޝީދު ވިދާޅުވީ މައްސަލަ ހައްލުކުރެއްވުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
ދިއްދޫ "ކަނޑުރޯދި" ދޯނީގެ މަސްވެރިއެއް ކަމުގައިވާ އަހުމަދު ނަސީމު މިއަދު ބުނީ މަސްތައް އުކާލަންޖެހުނީ ބޯޓަށް މަސްނުކިރޭނެ ވާހަކަ ބުނުމުން ކަމަށެވެ. އޭނާ ބުނީ އެ ރަށުގެ ހަ ދޯނި ބޭނި މަސް، އަތޮޅު އޮފީހަށާއި އަތޮޅުގެއަށާއި ރަށު އޮފީސްތެރެއަށާއި އެ ތަންތަނުގެ ގޯތިތެރެއަށް އުކާލާފައިވާ ކަމަށެވެ.
"އުކާލައިފައިވާ މަސްތަކުގެ ޖުމުލަ ގާތްގަނޑަކަށް 25 ޓަނަށް އަރާނެ. ބޯޓަށް މަސް ނުކިރިގެން ނުއަގުގައި މަސްތައް ވިއްކާތާ މިހާރު މަހެއްހާ ދުވަސްވެއްޖެ. އަތޮޅުގައި މި ފަޅީގައި (ދިއްދޫ ފަޅީގައި) މިއަދު ބޯޓެއް ވެސް ނެތް. އިހަވަންދޫ ބަނދަރުގައި އޮތް ބޯޓަށް ގުޅުމުން ބުނީ މިއަދު މަހެއް ނުކިރޭނޭ. ކިރޭތޯ ބަލަން ތެޔޮ ހަރަދުކޮށްފައި ދިޔައަސް ކިރޭނީ މަދު ދޯންޏެއްގެ މަސް،" ނަސީމު ބުންޏެވެ.
ދިއްދޫ އެހެން މީހަކު ބުނީ މަސްވެރިން، މަސްތައް ގެނެސް އަތޮޅު އޮފީހަށާއި އަތޮޅުގެއަށާއި ރަށު އޮފީސްތެރެއަށް އުކާލަން ފެށީ ހެނދުނު 30: 9 ހާއިރުން ފެށިގެން ކަމަށެވެ.
"ދޯނިފަހަރުން ބޭނި ހުރިހާ މަސްތަކެއް ވެސް ވަނީ އުކާލައިފައި. އަތޮޅުވެރިޔާ އާއި ރަށުގެ ވެރިން މަސްވެރިންނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަމުން ދަނީ. އެ ބޭފުޅުން ހިންގަވަނީ ވެސް މަސްތައް މަތިން،" އޭނާ ބުންޏެވެ.
ހަވީރުގެ ކޮރެސްޕޮންޑެންޓް ބުނީ ރަށު އޮފީހުގައި، ކަތީބުގެ ކޮޓަރިތެރޭގައި ވެސް މަސްތައް އެބަހުރި ކަމަށާއި މޭޒުމަތީގައި ވެސް މަސްތައް ހުރި ކަމަށެވެ.
"އެއް މޭޒު ބިންދާލާފައި ވެސް އޮތް،" އޭނާ ބުންޏެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މަސްވެރިން ފުރަތަމަ މަސްތައް އުކާލީ އަތޮޅު އޮފީހުގެ ތެރެއަށެވެ. އަތޮޅު އޮފީހުގެ އެތެރޭގެ މަގުތައް ފުރުމުން މަސްވެރިން ދެން ދިޔައީ ރަށު އޮފީހާ ދިމާލަށެވެ. ރަށު އޮފީހުގެ ހުރިހާ ކޮޓަރިތަކަށް ވެސް މަސްތައް އުކާލި އެވެ. އެތަން ފުރުމުން ދެން އެ މީހުން ބާކީ ހުރި މަސްތައް އުކާލީ އަތޮޅުގޭގައި އޮތް ކާރު ޕާކުކުރާ ތަނަށެވެ.
އަތޮޅުވެރިޔާ މުހައްމަދު ރަޝީދު މިއަދު މެންދުރު ވިދާޅުވީ މަސްވެރިން މިހާރު އެދެމުން ދަނީ 33 ޓަނުގެ މަހުގެ ބަދަލު ދޭންޖެހޭނެ ކަމަށެވެ.
"އެކަމާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން މިގެންދަނީ،" ރަޝީދު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ ދިއްދޫގެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.
"އިތުރަށް އެއްޗެއް ދެންނެވޭކަށް ނެތް،" ޑރ. ނަސީރު ވިދާޅުވި އެވެ.
ކަނޑުރޯދި ދޯނީގެ ނަސީމު ބުނީ "ވަކި ބަޔަކަށް ވަކި ގޮތެއް ވެގެން ނުވާނެ" ކަމަށެވެ.
"މަސްތައް މި އުކާލީ ނުކިރިގެން. އެހެންވީމާ ފައިސާ ވެސް ލިބެންޖެހޭނެ،" ނަސީމު ބުންޏެވެ.
އެންމެ އުތުރުގެ ހަތަރު އަތޮޅުން މި ވަގުތު މަސް ގަންނަ ހަމައެކަނި ކުންފުނި، އައިލެންޑް އެންޓަ ޕްރައިޒަސްގެ މެނޭޖަރު އަބްދުއްރަހްމާން މިއަދު ވިދާޅުވީ ދިއްދޫ މަސްވެރިން އާންމުކޮށް މަސްކިރާ ފިއްލަދޫ ބަނދަރުގައި އޮތް ބޯޓަށް މިއަދު މަސް ނުކިރާނެ ވާހަކަ މަސްވެރިންނަށާއި އަތޮޅު އޮފީހަށާއި ރަށްރަށުގެ އޮފީސްތަކަށް އަންގާފައިވާނެ ކަމަށެވެ.
"އެއީ ޖާގަ ފުލްވެގެން. އިހަވަންދޫ ބަނދަރުގައި އޮތް ބޯޓަށް ވެސް މަސް ކިރޭނެ ކަމުގެ ޔަގީންކަން އަހަރެމެންނެއް ނުދެން. އެއީ (ދިއްދޫ މަސްވެރިން) އެހާ ދުރުން ދުއްވާފައި ގޮސް ޖާގަ ނެތިގެން ނުކިރިދާނެތީ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާ އިން ފެށިގެން އަނެއްކާ ވެސް ފިއްލަދޫ ބަނދަރުގައި އެ ކުންފުނީގެ ބޯޓެއް އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޖާގަ ފުރެމުންދާތީ އެހެން ކުންފުނިތަކުގެ ބޯޓުފަހަރު ފޮނުވޭތޯ ވެސް ބެލިން. އެހެން ކުންފުނިތައް އޮތީ އަހަރެމެންނަށް ވުރެ ވެސް ހާލުގައި،" އަބްދުއްރަހުމާން ވިދާޅުވި އެވެ. "މަސް ނުކިރުމުގެ މައްސަލަ އަށް ހައްލެއް ގެނެވޭތޯ މަސައްކަތް އެބަ ކުރަން. މިހާރު ވެސް މުޅި ޒޯނުގައި ހަ ބޯޓު އޮންނާނެ."
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ބުނީ ހއ. އަތޮޅުގައި މަސް ނުކިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިއަދު ހެނދުނު އެ އަތޮޅަށް އެ ކުންފުނީގެ ބޯޓެއް ފޮނުވާފައިވާ ކަމަށެވެ.
މެންދުރުފަހު ތިނެއް ޖެހިއިރު، ނޫސް ޗާޕަށް ދިޔައިރު ވެސް މަސްވެރިން ތިބީ އަތޮޅު އޮފީސް ދޮށުގައި ކަމަށް ހަވީރުގެ ކަރެސްޕޮންޑެންޓް ބުންޏެވެ. އަދި އުކާލާފައިވާ މަސްތައް ވެސް ނުނަގާ ކަމަށް ވެސް އޭނާ ބުންޏެވެ.
ދާދިފަހުން އައްޑު އަތޮޅުގައި ވެސް ވަނީ ދާދި މިކަހަލަ ހާދިސާއެއް ހިނގައިފަ އެވެ. އެ އަތޮޅު މަސްވެރިން ބޭނި މަސްތައް މިފްކޯ އަށް ނުކިރުމުން މިފްކޯގެ ދެ ބޯޓެއް ހައިޖެކްކޮށް، ބޭނި ގިނަ އަދަދެއްގެ މަސް ކަނޑަށް އުކާލައިފަ އެވެ. އެފަހަރު މަސްވެރިންނަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން ވަނީ ބަދަލު ވެސް ދެއްވައިފަ އެވެ.
00: 16
ހަވީރު ކޮރެސްޕޮންޑެންޓް:
ދިއްދުއަށް ވަންނަން އައި ކޯސްޓްގާޑު ލޯންޗެއް ވަނަނުދީ ފޮނުވާލައިފި. ކޯސްޓްގާޑު ވަންނަން އައުމުން ދެ ދޯނި ގޮސް ނެރުބައްދައިފައި އެންގީ ދިއްދޫގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގައޭ ކަލޭމެން އަންނާނެ ކަމެއް ނެތޭ. އެހެން ބުނުމުން ކޯސްޓް ގާޑު ދުރަށް ދިޔައީ. އޭގެ ފަހުން ކޯސްޓުގާޑުގެ ޑިންގީއެއްގައި ދެ މީހުން އައުމުން ވެސް އެހެން ބުނުމުން، އެ މީހުން އެނބުރި ދިޔައީ. ކޯސްޓްގާޑު އަދިވެސް އެބައޮތް ތަންކޮޅެއް ދުރުގައި ދުއްވާލަދުއްވާލާ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ