ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދިނީ އެމަނިކުފާނު މޮޅުވެގެން ނޫން ކަމަށާއި އިތުރު ޗޮއިސްއެއް ނެތިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
“އަވަސް” ނޫހުގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދަޅުވީ، ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތަކީ ވަރަށް ފެއިލްވެފައިވާ ސިޔާސަތެއް ކަމަށާއި އެހާބޮޑަށް އެއްފަރާތަކަށް އަޅައިގެންފައިވާ ސިޔާސަތެއް އަދި ނުދެކޭ ކަމަށެވެ.
އަދި ގައުމެއްގެ މިނިވަންކަން ދަމަހައްޓައި، އަމިއްލަވަންތަކަން ނަގައިގެން ގައުމު ރައްކާތެރި ކުރެވޭނެ ސިޔާސަތެއް ރައީސް ސޯލިހުގެ ނެތް ކަމަށާއި އެމަނިކުފާނުގެ އެ ލީޑާޝިޕް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމަ އިބްރާހީމް މުހައްމަދު ސޯލިހަކީ އެ ލީޑާޝިޕް ހުރި ބޭފުޅެއް ނޫން. ދެން ދިވެހިން އެގަޑީގައި (ރިޔާސީ އިންތިހާބުގައި) އިބްރާހީމް މުހައްމަދު ސޯލިހު ޗޫޒް ކުރީކީ އެ ބޭފުޅާ މޮޅުވެގެންނެއް ނޫން އެއްގޮތަކަށްވެސް. ރައީސް ޔާމީނަށް ވޯޓު ނުދޭން ވެގެން އިބްރާހީމް މުހައްމަދު ސޯލިހަށް ދިނީ، އިބްރާހީމް މުހައްމަދު ސޯލިހު މޮޅުވެގެން ދިން ވޯޓެއް ނޫން އެއްގޮތަކަށްވެސް އެ ވޯޓަކީ،” އުމަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އިންޑިއާއިން ރާއްޖޭގެ އެތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާފަދަ ބޮޑެތި ގައުމުތަކުން ތިބެނީ ގައުމުތަކަށް ބަލިކަށި ލީޑަރުން އަންނަ ގަޑިއަކަށް ބަލަބަލައި ކަމަށާއި އެފަދަ ދަނޑިވަޅެއްގައި އެ ގައުމަކަށް ވަދެގަތުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ވޯޓު ދިނީ މޮޅުވެގެންނެއް ނޫން، ޗޮއިސްއެއް ނެތިގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ