ބޮން ގޮއްވި މީހުން ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ހޯދި!
މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް ސަރުކާރުންދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް (ފައިސާ) ލިބުނު ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މިރޭ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ ދައުލަތުގެ މުދަލާއި ފައިސާ ވެސް ހަރާމް ކަމަށް ބުނެ އެގޮތަށް އެހެން މީހުންނަށް ވިސްނައިދޭ މީހުން ކަމަށެވެ.ނަމަވެސް އެ މީހުން ދިޔައީ ސައްހަ ނޫން ލިޔުންތައް ހުށަހަޅައިގެން އިންކަމް ސަޕޯޓް ވެސް ހޯދަމުން ކަމަށް ފުލުހުން ބުންޏެވެ."މިގޮތުން ދައުލަތުގެ އިންކަމް ސަޕޯޓު އެލަވެންސް ހޯދުމާއި، އެންސްޕާ ފަދަ އިދާރާތަކަށް ހުށަހަޅައިގެން މާލީ އެހީތެރިކަން ހޯދުމާއި، މިކަހަލަ ބައެއް ކަންކަން ވެސް މީގެތެރެއިން ބައެއް މީހުން ކުރާކަން ފާހަގަކުރެވޭ" ރިޔާޒު ވިދާޅުވިއެވެ.އަދި މިފަދަ ކަންކަން ކުރަނީ ސައްހަ ނޫން ޑޮކިއުމެންޓުތައް ފަދަ ގާނޫނާ ހިލާފު އަމަލުތައްކޮށްގެން ފައިސާ ހޯދާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން މިގޮތަށް ފައިސާ ހޯދާކަން މި މީހުން އޮންނަނީ ސިއްރުކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.އިންކަމް ސަޕޯޓް އެލަވަންސް އަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ދިވެހިންނަށް ދެމުން އަންނަ ފައިސާ އެވެ.މި އެލަވެންސަށް އެދި ފޯމު ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރު jobcenter.mv މެދުވެރިކޮށް އެކަންޏެވެ. އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ މީހުން، އީފާސްގައި ރަޖިސްޓްރީވުމަށް ފަހު، އޮންލައިން ފޯމް ފުރިހަމަކޮށް ހުށައަޅަން އިކޮނޮމިކް މިނިސްޓްރީން މިފަހުން ވަނީ އެދިފައެވެ.އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް މަހަކު 5،000ރ. އެވެ. އަދި މުސާރައަށް ބަދަލު އައި މީހުންގެ ތެރެއިން މަދުވެގެން 5،000ރ. ނުލިބޭ މީހުންނަށް އެ އަދަދު ހަމަވާ ވަރަށް އެލަވެންސް ލިބޭނެ އެވެ. މި ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.ހަރުކަށި ފިކުުގެ ރިކޯޑް އޮންނަ އަދި އަމަލީ ގޮތުން ދީނީ ހަރުކަށި ފިކުރު ކަންކަމުގައި ބައިވެރިވާ އަދި މިފަދަ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ބަޔަކަށް ސަރުކާރުން ދޭ މާލީ އެހީއެއް ލިބުނު ގޮތާގުޅޭގޮތުން ސާފުނުވާ ގިނަ ކަންކަން އެބަހުއްޓެވެ. މިކަމާއި ގުޅިގެން އެންސްޕާ ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ނުލިބިފަ އެވެ. އިންކަމް ސަޕޯޓް އެލަވަންސް އެދި ހުށައެޅި ގިނަ ބަޔަކަށް މި އެލަވަން ނުލިބުމުގެ ސަކުވާ ވެސް ބޮޑެވެ. އަދި މި އެލަވަންސް ދެނީ ސަރުކާރުން ބޭނުންވާ ބަޔަކަށް ކަމަށް ޤަބޫލުކުރާ ދިވެހިން ވެސް މަދެއް ނޫނެވެ.މިރޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މެއި 6، ގައި މަޖީދީ މަގުގައި ބޮން ގޮއްވާލީ އިނާމެއްގެ ގޮތުން ފައިސާ ދީގެންކަން މިހާތަނަށް ބެލެވެން ނެތް ކަމަށެވެ."...އަދި އައިއީޑީއަށް ބޭނުންވާ އެކިއެކި ކޮންޕޮނެންޓްސް ގަތުމަށްޓަކައި ހަރަދުގެ އަންދާޒާއެއްވެސް ކުރެވިފައިވަނީ. މިމައްސަލައިގައި އުޅޭ މީހުންގެ މޫވްމެންޓްސްތަކަށް ބަލާއިރު އެކަންކަމަށްވެސް ހަރަދުތަކެއް ކޮށްފައި ހުރި ކަމަށާ ގެސްޓްހައުސްތަކަށް ވެސް ހަރަދުކޮށްފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ރޭޒާ ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު އިތުރު ފަރުވާއަށް އެ މަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެ ގައުމުގައި މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ހޯއްދެއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ.ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަން އެވެ. އޭގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ