ކޮޅުފުށީ ކައުންސިލުގެ ހަމައެކަނި އެމްޑީޕީ މެމްބަރު ޕީޕީއެމްއަށް ސޮއި ކޮށްފި

މ.ކޮޅުފުށީ ކައުންސިލްގައި އެމްޑީޕީއަށް ނިސްބަތްވާ ހަމައެކަނި ކައުންސިލަރ ޝުޢައިބު އަބްދުﷲ ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.
ހ.ޒޫމްގައި ހުންނަ ޕީޕީއެމްގެ ކެމްޕޭން އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއެމްއަށް ސޮއި ކުރެއްވުމަށް ފަހު ކައުންސިލަރ ޝުޢައިބު އަބްދުﷲ ޕީޕީއެމް މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބް އަބްދުލްޣަފޫރަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވީ ޕީޕީއެމްއަށް މިއަހަރު ނިމުމުގެ ކުރިން އެއްލައްކަ މެމްބަރުން ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދަމުން ދާ ކަމަށެވެ.
އަދި ކޮޅުފުށީގައި ހުރި ހަމައެކަނި އެމްޑީޕީ ކައުންސިލަރ، ޕީޕީއެމްއާ ގުޅުމަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވިސްނުންފުޅު އެބޭފުޅާ ބަލައިގަންނަ ކަން ހާމަވާ ކަމެއް ކަމަށެވެ.
އަދީބު ވިދާޅުވީ އިޤްތިސާދީ ގޮތުން ޤައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ އިރު، އިދިކޮޅު ޕާޓީއިން ދަނީ ޤައުމު ފަސާދަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ޕާޓީއަކީ ރޫލިންގ ޕާޓީ. އަދި ސަރުކާރު ހިންގާ ޕާޓީ. މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ އަޅުގަނޑުމެންގެ އަތުގައި. އެހެންވީމާ އަޅުގަނޑުމެން މި ދަނީ ސަރުކާރުގެ އިޤްތިސާދު ހަމަ މަގަށް އަޅުވަމުން. އެހެނަސް އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން، އިދިކޮޅު ފަރާތްތަކުން ދަނީ މިޤައުމުގައި ތަންތަން ފަސާދަކޮށް، ހަމަނުޖެހުން ހިންގަމުން،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ޕީޕީއެމްއިން އޮޓީ ޤައުމުގެ އިޤްތިސާދާއި އާންމު މަސްލަހަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ޕީޕީއެމްއާ އަލަށް ގުޅިވަޑައިގަތް ކޮޅުފުށީ ކައުންސިލަރ ޝުޢައިބު އަބްދުﷲ ވިދާޅުވީ އޭނާ ޕީޕީއެމްއަށް ގުޅުމަށް ނިންމީ ރައްޔިތުންނަށް ފައިދާއާއި ތަރައްޤީ ގެނެވޭނީ ސަރުކާރާ ގުޅިގެން ކަމަށް ވާތީ ކަމަށެވެ.
"އަޅުގަނޑު މިގޮތަށް ނިންމީ ރައޔްިތުންގެ ލާބައާއި، ރަށުގެ ތަރައްޤީއަށް ފައިދާ ކުރާނެ ކަމުގެ އުންމީދުގައި،" ޝުޢައުބު ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު، ކޮޅުފުށީ ކައުންސިލްގެ މެދައިންތިޚާބެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ