ބީޖޭޕީގެ އޮފިޝަލްގެ އަމަލުތައް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފި

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.
މިއަމަލު ކުށްވެރިކުރައްވާ ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް އިހާނެތިކޮށް ހިތައި، ދެއްކެވި ދަށުދަރަޖައިގެ ވާހަކަތައް، ޖުމްހޫރީ ޕާޓީންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.
ގާސިމް ވިދާޅުވީ ބީޖޭޕީގެ އޮފިޝަލްގެ ވާހަކަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ބިލިއަން މުސްލިމުންގެ އިހުސާސްތަކަށް ވަރަށް ބޮޑަށް އަސަރުކުރުވި އަދި ކުރުވާނެ ވާހަކަތަކެއް ކަމަށެވެ.
އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلمއަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކުރުމުގެ އިތުރުން، ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
މިމައްސަލަ ހޫނުވުމުން ބީޖޭޕީއަށް ޕްރެޝަރު ބޮޑުވެގެން މި ވާހަކަތައް ދެއްކި އޮފިޝަލުންނާއި މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ