ހަނގުރާމައިގެ ތުހުމަތުކުރެވޭ ކުށްވެރިން ބޭތިއްބުމުގެ ވިސްނުން ގެންގުޅުން ގޯސް: ޝަހީދު

ރާއްޖޭގައި ހަނގުރާމައިގެ ތުހުމަތުކުރެވޭ ކުށްވެރިން ބޭތިއްބުމުގެ ވިސްނުން ނުގެންގުޅުމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު އެދިވަޑައިގެންފިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު މިކަމަށް އެދިވަޑައިގަތީ ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަންނަވާފައިވާތީ އެކަމުގެ ނުރުހުން ދިވެހި ސަރުކާރަށާއި ރައީސް ނަޝީދަށް އަމާޒުވެފައި ވަނިކޮށެވެ.
ރައީސް ސާލިހް ޓެގްކުރައްވާ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔުމަކީ ކުށްވެރިކަމެއް ކަމަށާއި އަދި މިހާރު ގޮޓަބާޔަ ދަނީ ރާއްޖެގައި ހިންގާ އޭނާގެ ކްރޮނިސްޓުންނަށް ލަންކާއިން ހަނގުރާމައިގެ ކުށްވެރިންނާއި އެމީހުންގެ ކްރޮނީން ހޯދުމަށް އަމާން ތަނެއް ހުށަހަޅަމުން ކަމަށެވެ.
އަދި މިކަމަކީ ނިކަމެތިވެގެންވާ ނިކަމެތި ކަމެއްކަން ޝަހީދު ފާހަގަކުރެއްވިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ގޮޓަބާޔަ ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހަރަކާތްތެރިވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ގޮޓަބާޔަ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ޕްރެޝަރ ކުރެއްވުމުން، ރައީސް އިބްރާހިމް މުހަންމަދު ސާލިހް އެކަމަށް ހުއްދަ ދެއްވުމުން ކަމަށް މައުލޫމާތުލިބެއެވެ.
މިކަމާހެދި ސްރީލަންކާ ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުން ދިވެހިރާއްޖެއަށް ވަނީ އަމާޒުވެފައެވެ.
ބައެއް މީހުން ކުރިން ބުނަމުންދިޔައީ، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ގޮވައިގެން އަންނަ އަސްކަރީ ޖެޓް ވެލާނާ އެއަރޕޯޓްގައި ޖެއްސުމުގެ ހުއްދަ ދިވެހި ސަރުކާރުން ނުދޭ ކަމަށެވެ.
އެހެންވެ، ރައީސް ގޮޓަބާޔަ ދަތުރުކުރައްވާ ޖެޓް ދާނީ އެހެން މަންޒިލަކަށް ކަމަށް ބެލެވޭ ކަމަށްވެސް ބައެއް މީހުން ޓްވީޓްކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ