ރަނިލް ހުވާކުރެއްވި ވަގުތު ޕާލަމެންޓް އިމާރާތުން ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ބަލަނީ

ރަނިލް ވިކްރަމަސިންހަ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ޕާލަމެންޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތާ ދިމާކޮށް ޕާލަމެންޓް އިމާރާތުން ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ.
ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ބަލަން ފަށާފައިވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.
ސްރީލަންކާގެ 8 ވަނަ ރައީސްގެ ހައިސިއްޔަތުން ރަނިލް ވިކްރަމަސިންހަ މަގާމުގެ ހުވާ ކުރައްވާ މަންޒަރު ވަގުތުން ދުރަށް ދެއްކުމަށް ސްރީލަންކާ ސަރުކާރުގެ ޓީވީ ޗެނަލްއާއި، އިންޑިޕެންޑެންޓް ޓެލެވިޜަން ނެޓްވޯރކާއި، އެހެން ޗެނަލްތަކުންވެސް ތިބީ ތައްޔާރުވެގެންނެވެ.
އެހެން ނަމަވެސް، ރައީސްކަމުގެ ހުވާ ކުރެއްވުމަށް ރަނިލް ވިކްރަމަސިންހަ ޕާލަމެންޓް އިމާރާތަށް ވެދެވަޑައި ގަތުމާއެކު، ޕާލަމެންޓް އިމާރާތުންވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. އެކަމާހެދި ރަނިލް ހުވާ ކުރެއްވި މަންޒަރު ޓީވީ ޗެނަލްތަކަށް ވަގުތުން ދުރަށް ދެއްކޭގޮތެއް ނުވިއެވެ.
ރައީސް ހުވާކުރެއްވި މަންޒަރު ވަގުތުން ދުރަށް ދެއްކޭގޮތް ނުވީ، ޕާލަމެންޓް އިމާރާތުން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުންކަން ހާމަކޮށްފައިވަނީ ފަހުންނެވެ.
ބަޔަކު ޕާލަމެންޓް އިމާރާތުން ކަރަންޓް ކަނޑާލީ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް ޕާލަމެންޓްގެ ސާޖަންޓް-އެޓް-އާރމްސް ނަރެންދުރަ ފަރނާންޑޯ ވިދާޅުވީ، ބަޔަކު ކަރަންޓް ކަނޑާލީކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކަރަންޓް ކަނޑައިގެންދިޔަ ނަމަވެސް، ރަނިލް ވިކްރަމަސިންހަ މިއަދުވަނީ ރައީސްކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައި ގެންފައެވެ. ރަނިލް ހުވާ ކުރެއްވީ ސްރީލަންކާގެ ޗީފް ޖަސްޓިސް ޖަޔަންތަ ޖަޔަސޫރިޔާގެ ކުރިފުޅުމަތީގައެވެ.
ސްރީލަންކާގެ ޕާލަމެންޓުން އެގައުމުގެ ރައީސްކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައިވަނީ އިއްޔެއެވެ. ރަނިލް ރައީސްކަމަށް އިންތިޚާބުކުރީ ކުރިން ރައީސްކަމުގައި ހުންނެވި ގޮޓަބާޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން ރައީސްކަމުގެ ދައުރުން ބާކީއޮތް މުއްދަތަށެވެ.
އެހެން ނަމަވެސް، ސްރީލަންކާގައި މުޒާހަރާ ކުރާ މީހުން ބުނަމުންދަނީ، ރަނިލްއަކީ ރާޖަޕަކްސަ އާއިލާއަސް ވާގިވެރިވާ ބޭފުޅެއް ކަމަށާއި، ރަނިލް މަގާމުން އިސްތިއުފާ ނުދެއްވަނީސް މުޒާހަރާ ހުއްޓާނުލާނޭ ކަމަށެވެ.
ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ އިތުރުން، ރަނިލް މަގާމުން އިސްތިއުފާ ދެއްވުމަކީވެސް މުޒާހަރާ ކުރާ މީހުންގެ މައިގަނޑު އެއް ޑިމާންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ