ލިޔުން ލިބި ފްލެޓު ނުލިބޭ މީހުންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ޚާއްސަ އިސްކަމެއް ދޭނަން: ރައީސް ޔާމީން

ހިޔާ ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި ފުލެޓު ނުލިބޭ މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ޚާއްސަ އިސްކަމެއް ދީގެން ފުލެޓު ދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. "ވޮއިސް"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ހިޔާ ފުލެޓު ލިބޭނެ ކަމަށް ލިޔުން ދީފައިވަނީ އެންމެ ހައްގުވެރި މީހުންނަށް ކަމަށެވެ. ލިޔުން ލިބި ފުލެޓު ނުލިބޭ މީހުން އެކަން ކޯޓަށް ހުށަހަޅައިގެން ބެލުމުގެ ހައްގުވެސް އޮންނާނެ ކަމަށާއި ޕީޕީއެމް ސަރުކާރެއްގައި އެފަދަ މީހުންނަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން ލިޔުން ދީފަ ހުންނާނީ ރަނގަޅަށް. ހައްގުވާ މީހުންނަށް. ލިޔުން ލިބި ފުލެޓު ނުލިބޭ ފަރާތްތަކަށް ކޯޓަށް ވެސް ދެވޭނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރިން ދީފައި ހުރި ކޮމިޓްމެންޓުތަކަށް އޮނާ ކުރާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ ކުލި ޕީޕީއެމް ސަރުކާރެއްގައި ކުޑަ ކުރާނެ ކަމަށް އެމަނިކުފާނު ދަންނަވައިފިނަމަ މިހާރު އެކަން ވަނީ ޒިންމާދާރުކަން ކުޑަ އަމަލަކަށް ކަމަށެވެ. ހަމައެހެންމެ އެކަން ވާނީ ސިޔާސީ ވާހަކަޔަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެފަދަ ކަމެއް ކުރާއިރު މިހާރު ސަރުކާރުގެ ޚަރަދުތަކުގެ ތަފްސީލާއި ދަރަނީގެ ތަފްސީލު ވެސް އެނގެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެހުރިހާ ކަމަކަށް ރިއާޔަތްކޮށް ކުލި ކުޑަކޮށްދެވޭނެ އެއްވެސް ގޮތެއް އޮތްނަމަ އެކަން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމުގައި ހިޔާ ފްލެޓް ދިން މީހުންގެ ލިސްޓް މި ސަރުކާރުން އާންމުކުރި އިރު، ބައެއް މީހުންގެ ނަންތައް އުނިކޮށްފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ. މިހާރުގެ ސަރުކާރުން ވަނީ ހިޔާ ފެލްޓުގެ ކުލީގެ ގޮތުގައި މެއިންޓެއިނެންސް ފީއާ ނުލާ 7،500 ރުފިޔާ ނަގަންފަށާފައެވެ. މެއިންޓެއިނެސް ފީއާއެކު އެއީ 8،5000 ރުފިޔާއެވެ. ސަރުކާރުން މިގޮތަށް ނިންމުމާ ގުޅިގެން ހިޔާ ޕްރޮޖެކްޓް ފެށިއިރު މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް މަހަކު 5،600 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދެއްކުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ. އެގޮތުން ދޮރު ހަރުކޮށް މުށި ޖަހައި ނިންމުމަށްފަހު 5،600 ރުފިޔާއަށް ފުލެޓު ދެވޭނެ ކަމަށާއި 25 އަހަރަށް ބަލިޔަސް 3،800 ރުފިޔާއަށް ފްލެޓު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ސަރުކާރުގައި ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ކަނޑައެޅީ 5،600 ރުފިޔާ ކަމަށް ވިދާޅުވެ މި ސަރުކާރުން އެއަށްވުރެ ބޮޑު އަގެއް ކުލީގެ ގޮތުގައި މިހާރު ނަގާތީ ޑރ. މުއިއްޒު ވަނީ އެތައް ފަހަރެއްގެ މަތިން ފާޑުވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ބުނީ މިހާރު ކަނޑައަޅާފައި އިންނަ ވަރަށް ވުރެ ކުޑަކޮށް ކުލި ނަގައިފި ނަމަ ލިބޭ ގެއްލުން ބޮޑުވާނެތީ ކުލި ނަގާ އަގު މިހާރަށް ވުރެ ކުޑަ ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ