މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ޒިޔާއު ވަކިކޮށްފި

ރައްޔިތުން މަޖިލީހުގެ އިދާރާގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހަސަން ޒިޔާއު، ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފިއެވެ.
މިކަން ޒިޔާއު ވަނީ މެސެޖަކުން ނޫސްވެރިންނާ ހިއްސާކޮށްފައެވެ. ޒިޔާޢު ވަކިކުރިކަން ނޫސްވެރިންނާ ހިއްސާކުރި މެސެޖްގައި އޭނާ ވަނީ، މަޖިލީހުގެ އިދާރާގެ އިސް ވެރިންގެ މައްޗަށް ކަންތައްތަކެއް ތުހުމަތުކޮށްފައެވެ. 
ޒިޔާޢު ވިދާޅުވީ، ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު، މަގާމުން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ޤާވާއިދާ ޚިލާފަށް ކަމަށެވެ.
Advertisement
މަޤާމުން ކުއްލިއަކަށް ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް އެ ޤާވާއިދުގައި ބަޔާންކުރާ އިޖުރާޢަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން، ވަޒީފާއިން ވަކިކުރުމުގެ މަޤްސަދުގައި ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެކަމަށް ޒިޔާއު ވިދާޅުވިއެވެ. 
ޒިޔާއު ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ތެރޭގައި ހިމެނޭ، މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ނުފޫޒުން ކަމަށެވެ. އެއީ އެ ބޭފުޅުންގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަމުގެ ތެރެއިން ކަމަށްވެސް ޒިޔާއު ވަނީ ތުހުމަތު ކުރައްވާފައެވެ.
އެގޮތުން ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާތީ އެއީވެސް ސަބަބެއްކަމަށް ޒިޔާޢު ފާހަގަކުރެއްވިއެވެ.
ޒިޔާއު ވަނީ އޭނާ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަދި މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ.
ހަސަން ޒިޔާއު ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަޤާމަށް ދިއުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރެއްވީ ދައުލަތުގެ މީޑިއާގެ ނިއުސްރޫމްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ