މާލޭގެ ޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން އެބައުޅޭ: އުމަރު

ދިވެހިންގެ އަމިއްލަ އެސެޓްތައް ނުވަތަ ދައުލަތުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ދޫކޮށްލާކަށް ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ފޭސްބުކް' ގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މާލޭގެ ކަނޑުގެ ބަދަރާއި ތިލަފުށީ ކަނޑުގެ ބަނދަރު ބޭރުގެ ފަރާތަކަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާތީ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ.އެ ޕޯސްޓުގައި އޭނާ ވިދާޅުވީ "ދިވެހީންގެ އަމިއްލަ އެސެޓްތައް އެހެން ފަރާތްތަކަށް ދޫކޮށްލުމަކީ 'ދިވެހީންގެ ރާއްޖެ' އިން ކުރައްވައިގެން ވާނެ ކަމެއް ނޫން" ކަމަށެެވެ. "ދިވެހީންގެ ރާއްޖެ" އިން ކުރައްވަންވާނެ ކަމަކީ އެސެޓްތައް އުފައްދާ އެ ތަކެތި ދިވެހިންގެ އަތްމަތީގައި ބެހެއްޓުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މާލޭގެ އެއާޕޯޓް އިންޑިއާ އަށް ވިއްކައިލުމަށް ކުރިން ކުރެވުނު މަސައްކަތް ފަދަ ކަންކަމަކީ އިގުތިސާދީ ގޮތުން ނުރައްކާތެރި ކަންކަން ކަމަށެވެ."މީގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރި ތަކަށް އެތަށް ދަތިތަކާ ކުރިމަތިވާނެ،" އޭނަ ވިދާޅުވި އެވެ. "ދައުލަތުގެ މި ފަދަ ސްޓްރެޓެޖިކް އެސެޓްތަކަކީ އަބަދުވެސް ދިވެހީންގެ އަތްމަތީގައި ބަހައްޓައިގެން ވީހާ ވެސް ހެޔޮ އަގުގައި ޚިދުމަތް ދެވޭ ތަންތަނަށް ވާން ޖެހޭނެ."ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބޭރުގެ ބަޔަކަށް ދޫކޮށްލުމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމަށް ކުރެވުނު މަސައްކަތް ފަދަ އިގްތިސާދީ ގޮތުން ރާއްޖެއަށް އޭގެ ސަބަބުން އެތައް ގެއްލުން ތަކެއް ކުރިމަތިކުރުވާނޭ ކަމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އުމަރުގެ މި ތުހުތުމަތުތަކާ ގުޅިގެން ސަރުކާރުގެ ބަހެއް އަދިއެއް ނެތެވެ. ނަމަވެސް ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލުކޮށް އެ ތަން ހިންގައިދޭނެ ހަވާލު ކުރާނެ ބަޔަކު އަދި ނުނިންމާ ކަމަށާއި އެކަމަކު އެ ކަމަށްޓަކައި ބޭރުގެ ތިން ކުންފުންޏަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.ސަރުކާރުން ވަނީ ތިލަފުށީގަ ބަނދަރު ތަރައްގީ ކުރުމަށް 20 ހެކްޓަރުގެ ބިމެއް ހަމަޖައްސައި ކޮންސެޕްޓް ޑިޒައިން އެކުލަވާލައިފަ އެވެ. ކުރީ ސަރުކާރުން ގުޅިފަޅުގައި އަޅަން ނިންމި ބަނދަރު ތިލަފުއްޓަށް ބަނދަލުކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި އަހަރުގެ ޖެނުއަރީ 4، ގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރަށް ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކޮށް ހިދުމަތްތައް ދޭން ފެށުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ