ގާސިމް ދިވެހިންނަށް ޤުރުއާންގެ ތަފްސީރެއް ހަދިޔާކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު, ގާސިމް އިބްރާހީމް ގުރުއާނުގެ އޮންލައިން ތަފުސީރެއް ދިވެހިންނަށް ހަދިޔާ ކުރައްވައިފިއެވެ.
އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ދިވެހި ބަހުން ގުރުއާނުގެ ފުރިހަމަ ތަފުސީރެއް އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ސައުދީ އަރަބިއްޔާގެ ގުރުއާނުގެ ތަފުސީރެއް ކަމަށްވާ "އައްތަފްސީރުލް ވާޟިހުލް މުޔައްސިރު" ދިވެހިބަހަށް ތަރުޖަމާކޮށް، ދަރިވަރުންނާއި، ދީނީ އިލްމުވެރިންނާއި، ދިވެހި ހުރިހާ ރައްޔިތުންނަށް ހަދިޔާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރެއްވި މި ޕޯސްޓްގައި ގާސިމް، "އައްތަފްސީރުލް ވާޟިހުލް މުޔައްސިރު" ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ވެބްސައިޓް އެ ޕޯސްޓްގައި ހިމަނުއްވައިފައިވާއިރު އެ ވެބްސައިޓަށް ވަނުމުން ގުރުއާނުގެ ތަފުސީރު ފެންނަނެ ހުންނާނެއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އޮންލައިންކޮށް ލިބުމުގެ އިތުރުން އެ ގުރުއާނުގެ ތަފުސީރު އަވަސް މުސްތަގްބަލެއްގައި ޗާޕު ކޮށްގެން ވެސް ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.
މި ޕޯސްޓްގައި ގާސިމް ވަނީ ރާއްޖެ އިސްލާމްވި ދުވަހު އޮންލައިންކޮށް ގުރުއާނުގެ ތަފުސީރެއް ހަދިޔާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ﷲ ހަމްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ