އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބު ހޯދާ ޕާޓީއެއް: ފައްޔާޒު

އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބު ހޯދާ ޕާޓީއެއްކަމަށާ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މިއިންތިޚާބުގައި ކުރިއަށްދިޔަ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަސްންސް (އެމްޑީއޭ) ކުއްލިއަކަށް ކޯލިޝަން ރޫޅާލައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރަން ނިންމުމާ ގުޅިގެންނެވެ.
ފައްޔާޒް ވަނީ އެމްޑީއޭގެ ނިންމުމަށް އިޙްތިރާމްކުރާކަމަށާއި އަދި މިހާތަނަށް އެކުގައި ކުރެވުނު މަސައްކަތަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރިހޯދާ ޕާޓީއެއްކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މިއީ ބަލިކޮށްނުލެވުނު ހިތްވަރެއްކަމަށާ، ގުޑުވާނުލެވުނު ޢަޒުމެއްކަމަށެވެ. އެހެންކަމުން އެމްޑީޕީ އަބަދުވެސްދާނީ ބާރަށްކުރިއަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް އެމްޑީޕީއާ ކޯލިޝަން ހެދި އެމްޑީއޭ ވަނީ ރޭގެ ވަގުތެއްގައި ކުއްލިއަކަށް ކޯލިޝަން ރޫޅާލައި އިދިކޮޅު ކެންޑިޑޭޓަށް ތާޢިދުކުރަން ނިންމާފައެވެ. އެހެންކަމުން އެމްޑީއޭގެ ބައެއް މެމްބަރުން ވަނީ އެޕާޓީންވަކިވެ ރައީސް ޞޯލިޙާއެކު ކުރިއަށްދިއުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ