ސްކޫލް ބަންދާއި ދިމާކޮށް މޫސުން ގޯސް، ސަމާލުވޭ!

ސްކޫލް ބަންދުތެރެއަށް މޫސުން އޮތީ ގޯސްކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ލަފާކުރެވޭ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
ސްކޫލްތައް ބަންދުވުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން ޗުއްޓީއަށް އެކި ރަށްރަށާއި މާލެއަށް ދަނީ ދަތުރުތައް ހަމަޖައްސަމުންނެވެ. 
މެޓް އޮފީސް އިން ބުނީ މާދަމާއިން ފެށިގެން މެދުރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ކުރަމުން މިދާ ވިއްސާރައިގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Advertisement
އެހެންކަމުން ދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މި ދުވަސްކޮޅު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ އޮފީހުން ބުނީ މި ވިއްސާރައަކިީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އިރުވައިމޫސުން ފެށޭކޮޅު ޓްރާންސިޝަން ޕީރިއަޑްތެރޭ ކުރާ ވިއްސާރައެއް ކަމަށެވެ. 
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3-6 ފޫޓް ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ