އައްބާސްއަށް އަޅަންޖެހޭ ފިޔަވަޅު ކޯޓުން އަޅާނެ: ޕީޖީ އޮފީސް

ޢައްބާސް ޢާދިލް ރިޟާގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅު ކޯޓުން އަޅާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޭނާއަށް ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ޓުވިޓާ މެދުވެރިކޮށް ގޮވާލި މައްސަލައިގައި ދައުވާ އުފުލުމުން ކޯޓު އަމުރަށް ގޮންޖަހައި ފިލައިގެން އުޅޭ ކަމަށް ތުހުމަތުވެފައެވެ.
މި މައްސަލައިގައި ތަކުރާރުކޮށް ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ކޯޓުގެ އަމުރަށް ގޮންޖަހައި ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލައިގެ އަޑުއެހުންތައް ވަނީ ނުފެށިފައެވެ. ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ އައްބާސް އުޅޭ ތަނެއް ނޭނގުމާއެކު، ޗިޓު ރައްދު ކުރެވިފައި ނުވާތީ މައްސަލަ ހުއްޓިފައިވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދީފައިވާ ކަމަށެވެ.
ބަންދުގައި ބަހައްޓައިގެން އައްބާސް ކޯޓަށް ހާޒިރު ކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ވަނީ ކޮށްފައެވެ.
އައްބާސް ހޯދަން ފުލުހުން މަސައްކަތް ފެށުމާއެކު ނެރުނު ބަޔާނެއްގައި އުޅެނީ ފިލައިގެން ނޫން ކަމަށާއި އޭނާއާއި ބެހޭ ހުރިހާ މައުލޫމާތެއް ސަރުކާރަށް އެނގޭނެ ކަމަށް އައްބާސްވަނީ ބުނެފައެވެ. އައްބާސްވަނީ އޭނާގެ މައްސަލައެއް ކޯޓެއްގައި ނޯންނާނެކަމަށާއި އަދި އޭނާއަކީ ފިލައިގެން އުޅޭ މިހެއް ނޫންކަމަށްވެސް ބުނެފައެވެ.
މިކަން މިގޮތައް ހުރިއިރު މިހަފްތާގެ ތެރޭގައި ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކުން އޭނާ ވަނީ ފެނިފައެވެ. މިކަމާ ގުޅިގެން ވީ ނިއުސްއިންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ އޮފީހުން ބުނީ އައްބާސް ކޯޓަށް ހާޒިރުކޮށްދިނުމަށް މިފަހުން ކޯޓުން އެދިފައެއް ނުވާއިރު މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅު ދެން އަޅާނީ ކޯޓުން ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ޓުވިޓާ މެދުވެރިކޮށް ގޮވާލި މައްސަލައިގައި ޢައްބާސް ޢާދިލް ރިޟާ ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ، ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށެވެ.
އައްބާސްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ފެބްރުއަރީ 8ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ބުނެފައެވެ. އެކަމުން ލިބުނު ގެއްލުމުގެ ބަދަލު އޮތީ ނުހިފި ކަމަށާއި އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް އައްބާސްވަނީ ގޮވާލާފައެވެ.
އައްބާސް އާދިލް ރިޒާގެ މައްޗަށް ކޮށްފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އައްބާސް އާދިލް ރިޒާއަކީ ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ