މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ބަލިވި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) ބަލި ގަބޫލު ކުރައްވައި ބަޔާނެއް އާންމު ކުރައްވައިފި އެވެ.
ސޮޑާ ފޭސްބުކްގައި އާންމު ކުރެއްވި ބަޔާނުގައި އޭނާއަށް އިންތިހާބު ނާކާމިޔާބުވި ކަމަށް ވަނީ ގަބޫލު ކުރައްވައިފަ އެވެ. އެހެން ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަބްދުﷲ ސޯދިގު (ސޯބެ) އަށް އޭނާ މަރުހަބާ ކިޔާފައެއް ނުވެ އެވެ.
އިންތިހާބަކުން ބަލިވެއްޖެ ނަމަ، ބަލި ގަބޫލު ކުރުމާއެކު އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓަށް މަރުހަބާ ކިޔުމަކީ ތަހުޒީބީ ޑިމޮކްރެޓިކް މުޖްތަމައުގައި އަމަލު ކުރާ ރީތި އާދައެކެވެ. ފޯނުން ގުޅައި މަރުހަބާ ކިޔަސް، އާންމު ކުރާ ބަޔާނުގައި އެކަން ހާމަ ކުރެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސޯބެ ވަނީ 51 ޕަސެންޓު ވޯޓު ހޯއްދަވައިފަ އެވެ. އެއީ 1375 ވޯޓެވެ. ސޮޑާއަށް ލިބިވަޑައިގަތީ 48 ޕަސެންޓު ވޯޓެވެ. އެއީ ޖުމްލަ 1313 ވޯޓެވެ. އެހެންކަމުން ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުން ސޯބެއަށް ކާމިޔާބު ލިބިވަޑައިގަތީ 62 ވޯޓުގެ ތަފާތަކުންނެވެ.
ސޮޑާގެ ބަޔާނުގައި އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވުމުގައި ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނަވާނެ ކަމަށެވެ. އަދި އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށް ސޮޑާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އިންތިހާބުން އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލު ނުވެވުނު ކަމުގައި ވިޔަސް ތިޔަ ބޭފުޅުން ދެއްވި ކޮންމެ ވޯޓަކީ އަޅުގަނޑުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އެ ބަޔާނުގައި ސޮޑާ ވިދާޅުވެފައިވެ އެވެ.
އިންތިހާބު ކާމިޔާބުވިކަން ޔަގީންވުމާއެކު އަދަދުު އަށް ދެއްވި އިންޓަވިއުއެއްގައި ސޯބެ ވަނީ އިންތިހާބުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސޯބެ ދެއްވި އެވެ.
"މަޖިލިސް ތެރެއިން އިރާދަކުރެއްވިއްޔާ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަދި އިރާދަކުރެއްވިއްޔާމުން ހަމަ އައްޑޫގައި ހުރި މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރާނަން،" ސޯބެ ވިދާޅުވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓު ސައީދު ބަލި ގަބޫލު ކުރައްވައި ބަޔާނެއް އާންމުކޮށްފި، އެކަމަކު ސޯބެއަށް މަރުހަބާއެއް ނުކިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ